ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ލާމު އަތޮޅު ގަމުގައި އެޗްވީ ކޭބަލް އެޅުމަށް ހިންގާ ޕްރެޖެކްޓާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ގަވާއިދާ ޚިލާފަށް ކޮރަޕްޝަންގެ ތެރެއިން އެ ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޑީޕީގެ ގަމު ދާއިރާގެ އެންމެ އިސް އެކްޓިވިސްޓް އަދި ގަމު ކައުންސިލްގެ ޒިންމާދާރުވެރިޔާ އަބުދުލް ވައްހާބުގެ އަމިއްލަ ކުންފުނި، މާތުނޑި ޓްރޭޑް އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.

އެ ޕްރޮޖެކްޓްގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެ ކުންފުންޏާ އެ ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ ޖުމްލަ 1,395,200 މިލިއަން ރުފިޔާއަށެވެ. ނަމަވެސް އެއީ ތިން ވަނައަށް އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏެވެ. މާލިއްޔަތު ގަވާއިދު ބުނާގޮތުން ބިޑް އެވޯޑް ކުރަންޖެހޭނީ އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށެވެ.

މިކަމަކީ އެމްޑީޕީ ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން އެ ޕާޓީގެ އެކްޓިވިސްޓަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލެވެ އެވެ.

އެ ޕްރޮޖެކްޓަށް ބިޑް ކުރި ކުންފިނިތަކުގެ ތެރެއިން ޕޮއިންޓްގެ ގޮތުން އެއްވަނައިގައި އޮތް ކުންފުނިން ހުށަހެޅީ 893,800 ރުފިޔާ އެވެ. އަދި ދެ އަށް ޕޮއިންޓް ލިބުނު ކުންފުނިން ހުށަހަޅާފައި ވަނީ 1,320,000 މިލިއަން ރުފިޔާ އެވެ.

ކޮރަޕްޝަންގެ ތެރެއިން މީގެކުރިން ވެސް ވަނީ ވައްހާބުގެ ކުންފުންޏަށް އެހެން ޕްރޮޖެކްޓްތަކެއް ދީފަ އެވެ. އޭގެތެރޭގައި ލ. ގަމުގައި ފެނަކައިން ހިންގި 140،000 ރުފިޔާގެ ޕްރޮޖެކްޓެއް ހިމެނެ އެވެ.

ފެނަކައިގެ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވެފައިވާއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ވިދާޅުވީ މި ސަރުކާރު އައިފަހުން ފެނަކައިން ވައްކަން ނުކުރާނެ ކަމަށާއި ވައްކަން ކުރަން އުޅުނަސް އެކަން ނުވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ މި ސަރުކާރުން ކޮރަޕްޝަނަށް ދޭނީ ޒީރޯ ޓޮލަރެންސް ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް ފެންނަމުން ދަނީ ރައީސްގެ ބަސްފުޅާ ދިމާ އިދިކޮޅަށް ބައެއް ކަންތައްތައް ވަމުން އަންނަ މަންޒަރެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާއަށް ކޮރަޕްޝަންގެ ތުހުމަތު ކުރައްވާފަ އެވެ.