އެއްފަަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ރާއްޖެ އެތެރެކުރުން މަނާކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އަންނަ އަހަރުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ޕްލާސްޓިކްގެ 12 ބާވަތެއް ކަނޑައަޅައި އާންމުކޮށްފި އެވެ.

އިމްޕޯޓް އެކްސްޕޯޓުގެ ގާނޫނަށް ގެނައި އެ އިސްލާހާ އެކު އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައި އާންމު ކުރައްވާ ލިސްޓެއްގައި ހިމެނޭ ތަކެތި ރާއްޖެއަށް އެތެރެކުރުން މަނާކުރެވޭނެ އެވެ.

ރައީސުލްޖުމްހޫރިއްުޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން މިއަދު ވަނީ އެ ތަކެތި އާންމުކޮށްފައެވެ.

2021 ވަނަ އަހަރުގެ ޖޫން އިން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ތަކެތި:

  • ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި
  • ޕްލާސްޓިކް ތަށި
  • ޕްލާސްޓިކް ސަމުސާ
  • ޕްލާސްޓިކް ވަޅި
  • ޕްލާސްޓިކް އޫ
  • ދިޔާ ތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
  • ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް (ފުޅިމަދު) ފޮށި
  • ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު
  • ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓުކުރާ ސުޕާރީ
  • 250 މިލިލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް
  • ކޮފީ ތަށި
  • ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
  • 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯނި ފުޅި
  • 500 މިލިލީޓަރަށް ވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ހުރިހާ ދިޔާ ތަކެތި (ފެނާއި ލުއިބުއިން ހިމެނޭ ގޮތަށް)

މީގެއިތުރުން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯން އަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު އަދި 50 މިލިލީޓަރާއި 200 މިލިލީޓަރާ ދެމެދުގެ ޝޭމްޕޫ އަދި ސައިބޯނި ފުޅި ރާއްޖެ އެތެރެކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.

ޑިސެމްބަރު 2023 އިން ފެށިގެން އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި ޕެޓް ފުޅީފައި ބަންދުކޮށްފައި ހުންނަ ފެން ވެސް ރާއްޖެ އެތެެކުރުން މަނާވާނެ އެވެ.