ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ ޖަލުތައް ބެލެހެއްޓި އިސްތަފާ އިބްރާހީމް މަނިކު މިއަދު އަވަހާރަވެއްޖެ އެވެ.

އުމުރުފުޅުން 83 އަހަރުގައި އިސްތަފާ އަވަހާރަވީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ.އޭނާ އެޑްމިޓްކުރީ މީގެ ދިހަ ދުވަސްކުރިންނެވެ.

އޭނާ ވަނީ މަޙުކަމަތުލް އަމަން އާންމު/ ވުޒާރަތުލް އަމަން ޢާންމު، މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ އިދާރީ އިސް މަގާމުތައް އަދާކުރައްވައިފަ އެވެ. އެގޮތުން އެންމެ ފަހުން އަދާކުރެއްވީ ޑިފެންސް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމެވެ.

އިސްތަފާ އަކީ ރާއްޖޭގެ އަމަން އަމާންކަމުގެ ދާއިރާގެ އިދާރީ އެންމެ ބޮޑު ތަޖުރިބާކާރެވެ. އަދި އެ ދާއިރާ ހިންގެވުމުގެ އިތުރުން ޕްރިޒަންސް ޑިވިޝަން، ޑިޕާޓްމަންޓް އޮފް ކަރެންޝަންގެ ހިންގުމުގެ އިސްވެރިއެއްްގެ ގޮތުގައި އެތައް އަހަރަކު އުޅުއްވި އެވެ.

ސަރުކާރު މުއައްޒަފުންގެ ނާދީ އުފެދުނީއްސުރެ އެ ނާދީގެ އިދާރީ އިސްވެރިޔާވެރިޔާގެ ގޮތުގައި ވެސް ހުންނެވީ އިސްތަފާ އެވެ.

އޭނާ ވަނީ ދިވެހި ގައުމުގެ އަމަންއަމާންކަމާއި ގައުމީ ސަލާމަތާއި ދިފާއީ އިސް މަގާމުތަކުގައި ބައިގަރުނަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފަ އެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ޖަލުތަކުގައި ހިންގި ކަމަށް ބުނާ ލާއިންސާނީ އަނިޔާތައް ތަހުގީގުކުރުމަށް 2008 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުން އިސްތަފާގެ މައްޗަށް ތަހުގީގެއް ހިންގި އެވެ. ނަމަވެސް އެވެރިކަން 2012 ވަނަ އަހަރު ބަދަލުވިއިރު ވެސް އެ މައްސަލަ ނިމިފައެއް ނުވެ އެވެ.