ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލޭގައި ކުރިއަށް ގެންދާ މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށް ދިއުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެމްޑީޕީން މި ގަރާރު މަޖިލީހަށް ހުށަހަޅާފައި ވަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ތިންވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައިވާ ގޮތުން ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ކަމެއް ނިންމުމުގައި އާންމު ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމުކަމަށް ފެންނަނަމަ، ފެންނަނުފެންނަ ވޯޓެއް ނެގުމުގެ ބާރު މަޖިލީހަށް ލިބިގެންވެ އެވެ. މިފަދަ ވޯޓެއް ނެގޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން (އެންމެ މަދުވެގެން 47 މެންބަރުންގެ ވޯޓުން) ފާސްކުރާ ގަރާރަކުންނެވެ.

އެމްޑީޕީން ފާސްކުރި ގަރާރުގައި ބުނެފައި ވަނީ، އެއްވެސް އެކުއިސިޝަން ކޮސްޓަކާ ނުލައި އަދި ކުއްޔެއް ދައްކަން ނުޖެހޭ ގޮތަށް 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދޫކުރުމަކީ ދައުލަތުގެ ފައިސާއަށް ވާ ބޮޑު ހިޔާނާތެއް ކަމަށެވެ. އަދި ދައުލަތުގެ ފައިސާއިން ހިއްކާފައިވާ ބޮޑު ބިމެއް ދިގު މުއްދަތަކަށް ބޭރު މީހުން ވަޒަންވެރިވެ އުޅެވޭ ގޮތަށް ދޫކުރުމަކީ ގައުމީ މަސްލަހަތަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ވޯޓުގައި ހިމަނަން އެމްޑީޕީން ހުށަހަޅާފައިވާ ސުވާލަކީ "ފުށިދިއްގަރު ފަޅު ނުވަތަ ރަސްމާލެއިން 500 ހެކްޓަރުގެ ބިމުގައި 'މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ' ގެ ނަމުގައި މަޝްރޫއެއް ހިންގުމަށާއި، އެ ބިމުގައި ބިދޭސީންނަށް ވަޒަންވެރިވެ ތިބުމުގެ ހައްގު ލިބޭގޮތަށް 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ފެނޭހެއްޔެވެ؟" މި އެވެ. މީގެއިތުރުން ގަރާރު ފާސްކުރާތާ 60 ދުވަހުގެ ތެރޭގައި ވޯޓު ނެގުމަށް ވެސް އެދިފައިވެ އެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ގާނޫނު ސެޕްޓެމްބަރު 2025 ގައި ވުޖޫދުވި ފަހުން މިހާތަނަށް ދެ ކަމެއްގައި ފެންނަނުފެންނަ ވޯޓު ނަގާފައިވެ އެވެ. އެއީ އައްޑޫ ސިޓީގެ ތިން ރަށެއް ވަކިވުމާ ގުޅޭގޮތުންނާއި، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމާ މެދު އޭޕްރިލް މާހު ނެގި ވޯޓެވެ.