ކުރީގެ ބޮލީވުޑް ތަރި ސަނާ ޚާން ބަނޑުބޮޑުކަން އޭނާ ހިއްސާކޮށްފި އެވެ.

ދާދި ފަހުން އިންސްޓަގްރާމުގައި ސަނާ އާއި އޭނާގެ ފިރިމީހާކަމަށްވާ މުފްތީ އަނަސް ސައީދުގެ ފޮޓޯއެއް އޭނާ ވަނީ އާންމުކޮށްފަ އެވެ. އަދި އެ ފޮޓޯގެ ކެޕްޝަންގައި، ސަނާ، އޭނާގެ އަލަތު ދަރިފުޅަށް ބަލިވެ އިންކަން ހާމަކޮށްފައިވެ އެވެ.

އެދެމަފިރިންނަށް ދަރިއަކު ނަސީބުވުމުގެ ތައުފީގު ދެއްވީތީ ސަނާ ވަނީ މާތްރަސްކަލާނގެ އަށް ޝުކުރު އަދާކޮށްފަ އެވެ. އަދި މި ދުވަސްވަރު އޭނާއަށް އެންމެ ބޭނުން ވަނީ އާންމުންގެ ލޯތްބާއި ދުއާ ކަމަށް އޭނާ ބުނެފައިވެ އެވެ.

ސަނާ ޚާން ބަނޑޮބޮޑު ކަމަށް މީސްމީޑިއާގައި މީގެ ކުރިން ވެސް ވާހަކަތައް ފެތުރިފައިވެ އެވެ.

އެގޮތުން ސަނާ، އޭނާގެ މީސްމީޑިއާއަށް ހިއްސާކޮށްފައިވާ ފޮޓޯ އަދި ވީޑިއޯތަކުގައި ބަނޑުބޮޑުކަން ހާމަވާ މަންޒަރުތައް ފެންނަކަމަށް ބުނެ އެ ފޮޓޯ އަދި ވީޑިއޯތައް ސޯޝަލްމީޑިއާގައި ފޭނުން އާންމުކޮށްފައިވެ އެވެ. އޭރު އެކަމާއި ގުޅިގެން އާންމުންނަށް އެއްވެސް ރައްދެއް ސަނާގެ ފަރާތުން ލިބިފައެއް ނުވެ އެވެ.

މީގެ ކުރިން ބޮލީވުޑްގައި ފިލްމާއި ލަވަތަކުން ސަނާ ފެނިފައިވެ އެވެ. އެހެން ނަމަވެސް އެކަން އަބަދަށް ދޫކޮށްލައި ތައުބާގެ މަގުން ހިނގަމުންދާކަމަށް ސަނާ ވަނީ ބުނެފަ އެވެ. މިހާރު ސަނާ އަކީ އިސްލާމް ދީނަށް ގޮވާލުމުގައި ކުރީ ސަފުން ފާހަގަކޮށްލެވޭ ޝަހުސިއްޔަތެކެވެ.