ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީ ގުޅިގެން ކުރިއަށްއޮތް ރިޔާސީ އިންތިހާބުގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.

ޖުމްހޫރީ ޕާޓީގެ މައި އިދާރާ މާފަންނު ކުނޫޒްގައި މިރޭ ވަނީ ނަޝީދު މަންދޫބުންނާއި ގާސިމްގެ މަންދޫބުން ބައްދަލުވުމެއް ބާއްވާފަ އެވެ.

އެ ބައްދަލުވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ދެ ފަރާތް ގުޅިގެން މެނިފެސްޓޯ އެކުލަވައިލުމާ ގުޅޭގޮތުން މިރޭ މަޝްވަރާކޮށް އެއްބަސްވެވިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ދެ ފަރާތުން އިތުރު ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ. ނަޝީދުގެ ފަރާތްޕުޅުން އެ ބައްދަަލުވުމުގައި ބައިވެރިވެވަޑައިގަތީ ހަސަން ލަތީފާއި އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު މުހައްމަދު ރަޝާދެވެ. އަދި ގާސިމްގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމާއި، ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންގެ އިތުރުން މަޖިލީހުގެ ކުރީގެ ވިލުފުށީ ދާއިރާގެ މެމްބަރު އަދި މިހާރު ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރު ރިޔާޒް ރަޝީދެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ އެމަނިކުފާނާ އެކު ކޯލިޝަން ހެދުމުގެ ދައުވަތު ގާސިމަށް ދެއްވާފަ އެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން ނިންމީ އެ ޕާޓީ އިސްވެ އޮވެ ހަދާ ކޯލިޝަނަކާއެކު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށެވެ.