މި ރޯދަ މަހަށް ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަދުރު މިމަހުގެ 26 ގައި ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ސައުދީން ހަދިޔާކޮށްފައިވާ ކަދުރު ބެހުން ކުރިއަށްދާނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ހަވަނަ ދުވަހާ ހަމައަށް ކަމަށެވެ. އަދި ކަދުރު ބެހުން ކުރިއަށް ގެންދާނީ އިސްލާމިކް މަރުކަޒުގެ ލޮބީގައި ކަމަށް ބުނެފައިވެ އެވެ.

މިނިސްޓްރީން ބުނިގޮތުގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ރަށު ކައުންސިލް އިދާރާތަކަށް ކަދުރު ދޫކުރާނެ އެވެ. އެގޮތުން ރަސްމީ ގޮތުން ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން ފެށިގެން 12:00 ޖެހުމާއި ހަމައަށް ކަދުރު ބެހުން ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ކަދުރު ބަލައި ދާއިރު، އައިޑީކާޑު ހިފައިގެން ދިއުމަށް އިލްތިމާސްކޮށްފަ އެވެ.

ސައުދީން މިއަހަރު ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފަ އެވެ. އެއީ 25،000 ޕެކެޓް ކަދުރެވެ.

އެގޮތުން ރާއްޖެއަށް ކަދުރު ހަވާލުކޮށްދެއްވީ ސައުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތްރިކް އައްދައުސަރީ އެވެ. ކަދުރާ ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ.