މި އަހަރު ނުކުންނަން ތައްޔާރު ވަމުން އަންނަ ހިންދީ ފިލްމެއް ކަމަށްވާ "ޕްރޮޖެކްޓް ކޭ" ގެ ޝޫޓިންގައި އުޅެނިކޮށް ލިބުނު އަނިޔާއަށްފަހު މެގަސްޓާ އަމީތާބް ބައްޗަން އަނބުރާ މަސައްކަތަށް ނުކުމެއްޖެ އެވެ.

ޓްވިޓާގައި ހިއްސާކުރި މެސެޖެއްގައި އޭނާ ބުނެފައިވަނީ އޭނާގެ ސިއްހަތު ހަމައަކަށް އެޅެމުން އަންނަ ކަމަށާއި މަސައްކަތަށް ނުކުންނަން ކެތްމަދުވެފައިވާ ކަމަށެވެ.

އޭގެ އިތުރުން ވެސް މަސައްކަތުގެ ޝެޑިއުލްތައް މިހާރު ފުރެމުން އަންނަ ކަމަށާއި ވަރަށް އަވަހަށް "އެކްޝަން"ގައި ފެންނާނެ ކަމަށް ވެސް އަމީތާބު ބުނެފައިވެ އެވެ.

ސޯޝަލް މީޑިއާގައި ހަރަކާތްތެރިކޮށް އުޅޭ އަމީތާބު ވަނީ މިފަހުން ދަރިފުޅު އަބިޝޭކަށް ލިބުނު އެވޯޑަކަށް ވެސް ޓްވިޓާގައި އޭނާއަށް މަރުހަބާ ކިޔާފަ އެވެ.

ޕްރޮޖެކްޓް ކޭގެ ޝޫޓިންގައި އުޅެނިކޮށް އަމީތާބްއަށް އަނިޔާވީ އޭނާގެ ކޮނޑަށެވެ. ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު ބެޑް ރެސްޓުގަި އޭނާ ވަނީ ދުވަސްތަކެއް ހޭދަކޮށްފަ އެވެ.

އަމީތާބު ވަނީ މި ފެށުނު ރަމަޟާން މަހުގެ ތަހުނިޔާ އިންޑިއާއާއި ދުނިޔޭގެ އެންމެހާ މުސްލިމުންނަށް ވެސް ކިޔާފަ އެވެ.