ރައީސް މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އަންނަ އަންގާރަ ދުވަހު ޕާކިސްތާނަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ. މިއީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ވެރިއަކު ޕާކިސްތާނަށް ކުރައްވާ މިފަދަ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ޕާކިސްތާނުގެ ފޮރިން އޮފީހާ ހަވާލާދީ އެ ޤައުމުގެ "ދަ ނިއުސް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި މުހިންމު 12 އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާތަކާއި ރަސްމީ އެއްބަސްވުންތައް ހިމެނެ އެވެ.
ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާ ދިގު މުއްދަތަކަށްފަހު އެ ގައުމަށް ކުރައްވާ މި ދަތުރުފުޅަކީ ތާރީހީ ދަތުރުފުޅަކަށް ވާތީ، ޕާކިސްތާނު ސަރުކާރުން މިހާރު އަންނަނީ ވަރަށް ފުޅާ ދާއިރާއެއްގައި މިކަމަށް ތައްޔާރުވަމުންނެވެ. އެގޮތުން، މި ދަތުރުފުޅުގެ ތައްޔާރީތައް މުރާޖައާކުރެއްވުމަށްޓަކައި ޕާކިސްތާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ހާރިޖީ ވަޒީރު މުހައްމަދު އިސްހާޤް ދާރު ވަނީ ހާއްސަ އިސް ބައްދަލުވުމެއް ބާއްވަވާފަ އެވެ.
އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާއި، ދަތުރުފުޅުގެ ރަސްމީ އެޖެންޑާއާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ޕާކިސްތާނުގެ ފޮރިން އޮފީހުން މައުލޫމާތު ދެއެވެ. ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ރައީސް މުއިއްޒު ކުރައްވާ މި ދަތުރުފުޅުގައި، ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީގެ އިތުރުން، އެ ޤައުމުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ވަނީ ތާވަލުކުރެވިފަ އެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ 12 އެއްބަސްވުމުގެ ދަށުން، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުސަތުތައް ފަހިކުރުމާއި، ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާ ތަރައްޤީކުރުމަށް ހާއްސަ އިސްކަމެއް ދެވޭނެ އެވެ. މީގެއިތުރުން މޫސުމީ ބަދަލުތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމާއި، ފަތުރުވެރިކަމާއި، ވައިގެ ދަތުރުފަތުރު އަދި ދިފާއީ އަދި އަސްކަރީ ރޮނގުން ދެ ޤައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް ވަނީ އަމާޒު ހިފާފަ އެވެ.
ހަބަރުތައް ބުނާގޮތުން، ދެކުނު އޭޝިއާގެ ސަރަހައްދީ އެއްބާރުލުމުގެ ޖަމްއިއްޔާ (ސާކް) ގެ ހަރަކާތްތައް އަލުން ހިންގައިގަނެ، އެ ޖަމްއިއްޔާއަށް އައު ދިރުމެއް ގެނައުމާ ގުޅޭގޮތުން ވެސް މި ދަތުރުފުޅުގެ ތެރޭގައި ދެ ޤައުމުގެ ވެރިން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާނެ އެވެ.
މަޝްހޫރު ފަންނާނުންނާއެކު އަބޫދާބީގައި މިއުޒިކް ފެސްޓިވަލެއް!
ސައުދީއަށް ދޭ ހަމަލާތައް ހުއްޓުވަން މިސްރުގެ އެހީ ހޯދަނީ
މިއަދުގެ ދުނިޔޭގައި ސްމާޓް ފޯނަކާ ނުލައި ދިރިއުޅެވިދާނެ ތަ؟
ރަސްމީ ދަތުރުފުޅެއްގައި ރައީސް ޕާކިސްތާނަށް ވަޑައިގަންނަވަނީ
އަބްދުރަހީމާއެކު ޕީއެންސީގެ ބޮޑު ވަފުދެއް ޕާކިސްތާނަށް