މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އއ. ރަސްދޫގެ 10 ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް، 9 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި އއ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން އިއްޔެ ހިންގި ހާއްސަ ހަރަކާތެކެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދިވެހި 8 މީހުންނާއި ބަންގްލަދޭޝްގެ ރައްޔިތެކެވެ. ހައްޔަރުކުރި ދިވެހިންގެ ތެރޭގައި ހިމެނެނީ ރަސްދޫގެ 6 މީހަކާއި، އއ. ތޮއްޑޫ ފިރިހެނެއްގެ އިތުރުން ހދ. ކުމުންދޫއަށް ނިސްބަތްވާ އަންހެނެކެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކި މުއްދަތުތަކަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. އެގޮތުން:

10 ދުވަހުގެ މުއްދަތަށް ބަންދުކުރީ:

  • އިބްރާހިމް ދީނާން / ހަވާމަންޒިލް، އއ. ރަސްދޫ
  • އަލީ ވަސީމް / ކާނޭޝަންމާގެ، އއ. ރަސްދޫ
  • ރިމާޒު މުހައްމަދު / ހިކިފިނިފެންމާގެ، އއ. ތޮއްޑޫ
  • މެހެދީ ހަސަން / ބަންގްލަދޭޝް

7 ދުވަހުގެ މުއްދަތަށް ބަންދުކުރީ:

  • އަހުމަދު އިކްލީލް / ފެހިވިނަ، އއ. ރަސްދޫ

5 ދުވަހުގެ މުއްދަތަށް ބަންދުކުރީ:

  • މުހައްމަދު އުލްވާން ރަޝީދު / ލިލީވީޑް، އއ. ރަސްދޫ
  • އަހުމަދު އަރީފް / ގުލްދަސްތާގެ، އއ. ރަސްދޫ
  • އަހުމަދު މުހައްމަދު / ކާނޭޝަންމާގެ، އއ. ރަސްދޫ

3 ދުވަހުގެ މުއްދަތަށް ބަންދުކުރީ:

  • ލީނާ މޫސާ / ވިދުވަރުގެ، ހދ. ކުމުންދޫ

މި އޮޕަރޭޝަނުގައި ފާސްކުރި ގެތަކުން މަސްތުވާތަކެތީގެ އިތުރުން ބަނގުރާ ކެއްކުމަށް ނުވަތަ އުފެއްދުމަށް ބޭނުންކުރާ ކަމަށް ޝައްކުކުރެވޭ ގިނަ ސާމާނުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.