އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ މުސްލިމް ކުޅުންތެރިން ރަމަޟާން މަހުގެ ރޯދަ ވީއްލުމަށްޓަކައި އިރުއޮއްސޭ ގަޑީގައި އޮންނަ މެޗުތައް ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލަން ނިންމައިފި އެވެ.

އެގޮތުން ބަންގި ގޮވުމުން ކުޅުން މެދުކަނޑާލައި ކުޅުންތެރިންނަށް ދިޔާ ތަކެތިން ނުވަތަ އެނާޖީ ސަޕްލިމެންޓަކުން ރޯދަ ވީއްލުމުގެ ފުރުސަތު ދިނުމަށް މެޗު އޮފިޝަލުންނަށް ވަނީ އިރުޝާދު ދީފަ އެވެ.

މެޗު ފެށުމުގެ ކުރިން ރޯޯދަ ހިފާ ކުޅުންތެރިން ފާހަގަކޮށް ކުޅުން މެދުކަނޑާލާނެ ވަކި ވަގުތަކާމެދު އެއްބަސްވާން ރެފްރީންނަށް ވަނީ އަންގާފަ އެވެ.

އިނގިރޭސި ޕްރމިއާ ލީގުގައި ގިނަ އަދަދެއްގެ މުސްލިމް ކުޅުންތެރިން ކުޅެ އެވެ. އޭގެ ތެރޭގައި ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހްއާއި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ރިޔާދު މަހްރޭޒް ހިމެނެ އެވެ.

2021 ވަނަ އަހަރު ރޯދަމަހު ކުޅުނު އެ ލީގުގެ މެޗެއްގައި ރެފްރީ ވަނީ މެޗުގައި ބައިވެރިވި ވެސްލީ ފޮފަނާ ރޯދަ ވީއްލުމަށް މެޗު މެދުކަނޑާލާފަ އެވެ. އެ ނިންމުމަށް ގިނަ ބައެއްގެ ތައުރީފް ވެސް ލިބުނެވެ.