ބޮލީވުޑްގެ މަޝްހޫރު ތަރި ކަންގަނާ ރަނާއުތްގެ ފޭނަކު އޭނާއަށް އަޅުކަން ކުރާ ވީޑިއޯއެއް ދައުރުވާން ފަށައިފި އެވެ.

ދާދި ފަހުން ކަންގަނާ އޭނާގެ 36 ވަނަ އުފަންދުވަސް ފާހަގަކޮށްފައިވާއިރު، އޭނާގެ އުފަންދުވަހާއި ގުޅިގެން ފޭނަކު ވަނީ ތަފާތު ގޮތަކަށް ކަންގަނާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާފަ އެވެ.

އެގޮތުން ފޭނަކު ވަނީ ހިންދޫ ދީނުގައި އަޅުކަންކުރާ ފަދައިން ކަންގަނާގެ 'ޕޫޖާ' ކޮށްފަ އެވެ. ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެނިގެންދަނީ އަންހެނަކު ކަންގަނާއަށް އަޅުކަން ކުރަނިކޮށެވެ.

މި ވީޑިއޯ ސޯޝަލްމީޑިއާގައި ދައުރުވާން ފަށާފައިވާއިރު، އާންމުން ވަނީ ވީޑިއޯއަށް ވަރަށް ބޮޑަށް ފާޑުކިޔައި މަލާމާތްކޮށްފަ އެވެ. އަދި ވީޑިއޯގައި ފެނިގެންދާ އަންހެން މީހާގެ ބުއްދި ފިލައި ގޮސްފައިވާކަމަށްވެސް ބައެއް މީހުން ބުނެ އެވެ.

ފިލްމު އިންޑަސްޓްރީގައި ނެޕޮޓިޒަމްގެ ޒަރިއްޔާއިން މަތީ މަގާމުތަކަށް ވާސިލްވާއިރު، ކަންގަނާގެ އަމިއްލަ މަސައްކަތުން ކެރިއަރުގައި ކުރިއަށް ދިޔަކަމީ ގިނަ ބަޔަކު އޭނާއަށް ތައުރީފު ކުރާ އެއްކަމެވެ.

ކަންގަނާ އަކީ ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ކުޅެދިން ރީތި ފަންނާނެކެވެ. ހަމައެހެންމެ ކަންގަނާ އަކީ އިންޑަސްޓްރީގައި ދިމާވާ އެކި ބޭއިންސާފު ކަންކަމަށް އަޑު އުފުލި ފަންނާނެކެވެ.