ބޮލީވުޑްގައި ހިނގާ އެކި އެކި ބޭއިންސާފު ކަންކަމާއި ގުޅިގެން އަޑު އުފުލާ ތަރިއެއްގެ ގޮތުގައި ކަންގަނާ ހިމެނެ އެވެ.

އޭނާ އެންމެ ބޮޑަށް އަޑު އުފުލާފައިވަނީ ބޮލީވުޑަށް ހުނަރުވެރި ކުދިން ނެރުމުގެ ބަދަލުގައި މަޝްހޫރު ސްޓާރުންގެ ތަރިންނަށް ފުރުސަތު ދޭތީ އެވެ.

މި މައްސަލައާ ގުޅިގެން ކަންގަނާ އެންމެ ބޮޑަށް ފާޑުކިޔާފައިވާ އެކަކީ، ކަރަން ޖޯހަރް އެވެ. ސަބަބަކީ ކަރަންގެ ފިލްމުތަކުގައި އަބަދުވެސް މަޝްހޫރު ތަރިންގެ ދަރިންނަށް ފުރުސަތުދޭތީ އެވެ. މިފަދަ ގިނަ މައްސަލަތައް ހިނގައި ދިއުމަށްފަހު އަނެއްކާވެސް ކަރަން ވަނީ ކަންގަނާއަށް ވައްބަހުންޖަހާފަ އެވެ.

އެގޮތުން ކަރަން އޭނާގެ އިންސްޓަގްރާމުގައި އާންމުކުރި ސްޓޯރީއެއްގައި، 'އެއާޕޯޓަކީ ރަންވޭއެއް' ކަމަށާއި، 'މިހާރު އެއާޕޯޓު ވަނީ ޕްރެސް ކޮންފަރެންސް ކުރާ ތަނަކަށްވެސް ވެފައި' ކަމަށް އޭނާ ބުނެފައިވެ އެވެ. ކަރަން އިތުރަށް ބުނީ، 'ބައެއް ފަހަރު އެއާޕޯޓަކީ ފުރާ ތަނަކަށްވެސް ހަދަންވާނެ' ކަމަށެވެ.

އޭނާ މިފަދައިން ބުނެފައިވަނީ ދާދި ފަހުން ކަންގަނާ އެއާޕޯޓުގައި ނޫސްވެރިންނާއި މުހާތަބުކޮށް ވާހަކަދައްކާފައިވަނިކޮށެވެ. ކަރަން ބުނާ ކޮންމެ ބަހަކަށް ކަންގަނާ ރައްދުދީފައިވާއިރު، މިހާތަނަށް މިކަމާއި ގުޅިގެން ކަންގަނާގެ ރައްދެއް ނުލިބޭތީ އާންމުން ދަނީ އެކަމަށް އިންތިޒާރުކުރަމުންނެވެ.

ފިލްމު އިންޑަސްޓްރީގައި ނެޕޮޓިޒަމްގެ ޒަރިއްޔާއިން މަތީ މަގާމުތަކަށް ވާސިލްވާއިރު، ކަންގަނާގެ އަމިއްލަ މަސައްކަތުން ކެރިއަރުގައި ކުރިއަށް ދިޔަކަމީ ގިނަ ބަޔަކު އޭނާއަށް ތައުރީފު ކުރާ އެއްކަމެވެ.