ބޮލީވުޑް ފިލްމު "ކަބީ ކުށީ ކަބީ ގަމް" ގެ ކެރެކްޓާއެއް ކަމަށްވާ "ޕޫޖާ" (ޕޫ) ގެ ރޯލެއް އިތުރު ތަރިއަކަށް ނުކުޅެވޭނެ ކަމަށް މަޝްހޫރު ފިލްމީ ތަރި ކަރީނާ ބުނެފި އެވެ.

ކަރަން ޖޯހަރް ޑައިރެކްޓު ކޮށްފައިވާ މިފިލްމަކީ 2001 ވަނަ އަހަރު ނެރުނު ފިލްމެކެވެ. އަދި މި ފިލްމަކީ ބޮލީވުޑް ފިލްމީ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ފިލްމެކެވެ.

ފިލްމުގެ ކޮންމެ ރޯލެއް ވެސް، އެ އިންޑަސްޓްރީގެ ފުންނާބު އުސް ފަންނާނުން ކުޅެދީފައިވާއިރު، ފިލްމުގެ ބަތަލާގެ ރޯލުން ކަރީނާ ފެނިގެންދެ އެވެ. އާދަޔާ ހިލާފު އަންހެން ކުއްޖެއްގެ ރޯލުން ކަރީނާ ފެނިފައިވާއިރު، އެ ރޯލުގައި ކަރީނާ ދައްކައިދިން އޭނާގެ އެކްޓިންގެ ހުނަރަށް، މިއަދާ ހަމައަށް ވެސް އާންމުންގެ ތައުރީފު ލިބެމުންދެ އެވެ.

އެގޮތުން ދާދިފަހުން ކަރީނާ ވަނީ އެ ރޯލާ ގުޅިގެން ވާހަކަދައްކާފަ އެވެ.

އޭނާ ބުނިގޮތުގައި ފިލްމުގައިވާ ޕޫގެ ރޯލު އިތުރު ތަރިއަކަށް ކުޅުމަކަށް ކުޅަދާނަވެގެންނެއް ނުވެ އެވެ. އަދި އެރޯލަށް އިތުރު ރިމޭކެއް ބޭނުންނުވާ ކަމަށާއި، އެފަދައިން ބެހެއްޓުން މުހިންމު ކަމަށް އޭނާ ފާހަގަކޮށްފައިވެ އެވެ.

ކަރީނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ އާމިރު ޚާނާއެކު "ލާލްސިންގް ޗައްޑާ"އިންނެވެ. ކަރީނާ ވަނީ ދެ ފިލްމެއްގެ ޝޫޓިން މިދިޔަ އަހަރު ނިންމާފަ އެވެ. އެއީ ޑައިރެކްޓަރު ސުޖޯއި ގޯޝްގެ ތުރިލާއަކާއި ޑައިރެކްޓަރު ހެންސަލް މެހެތާގެ ތުރިލާއެކެވެ.