ރާއްޖޭގައި މި ވަގުތު 1،273 މަޝްރޫއެއްގައި ސޮއިކޮށްފައިވާއިރު، އެ މަޝްރޫއުތައް ލަސްވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
"އަހާ" ފޯރަމްގައި އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަރީރު ވިދާޅުވީ މާޗް މަހު ފެށުނު އީރާނު ހަނގުރާމައާ ހެދި، ހާއްސަކޮށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުތަކަށް ކޮންމެވެސް ވަރެއްގެ ލަސްކަމެއް އައިސްފައިވާ ކަމަށެވެ.
އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބޭއްވި މި ފޯރަމްގައި ޒަރީރު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން މަޝްރޫއުތައް ލަސްވާ ނުވަތަ މަޑުޖެހޭ މައިގަނޑު ސަބަބަކީ މަސައްކަތަށް ބޭނުންވާ ހިލައާއި ހިލަވެލި ފަދަ ތަކެތި އެތެރެކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުން ކަމަށެވެ. އެހެންނަމަވެސް، މަޝްރޫއުތައް ހުއްޓުނަނުދީ ކުރިއަށް ގެންދިއުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޝްރޫއުތައް ލަސްވި ނަމަވެސް، ފިނޭންސް މިނިސްޓްރީގެ މޮނިޓަރިން ޓީމުން އެކަންކަން ދާދި އަރާތްކޮށް ބަލަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އިސްކަން ދޭން ޖެހޭ ތަރުތީބުން ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
."ޕްރޮޖެކްޓްތައް އަޅުގަނޑުމެން މިގެންދަނީ ވަކި ގޮތަކަށް ޕްރިއޯރަޓައިޒްކޮށްގެން އެ ވަޒީރެއް ހިންގަވާ ޕްރޮޖެކްޓެއް އެ ވަޒީރެއްގެ ދަށުން ބައްލަވައިގެން، އަދި އަޅުގަނޑުމެން އެ ޕްރިއޯރިޓީޒްތަކާ އެއްގޮތަށް ފައިސާ ވެސް އެލޮކޭޓް ކުރަމުން މި ގެންދަނީ،" ޒަރީރު ވިދާޅުވި އެވެ.
މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް 8.3 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި މިހާތަނަށް އެ ބަޖެޓުގެ ތެރެއިން 4.8 ބިލިއަން ރުފިޔާ މަޝްރޫއުތަކަށް ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ މައުލޫމާތުތަކުން ދައްކައެވެ.
ރައީސް މުއިއްޒު ފާކިސްތާނަށް، 12 އެއްބަސްވުމުގައި ސޮއިކުރައްވާނެ
އާންމު އުނދަގޫ ކުރާ މީހުންގެ މައްސަލައަށް ހައްލު ހޯދަން އެދެފި
