ރޯދަ ހިފުމާ ގުޅިގެން ހޮލީވުޑްގެ ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާއާއި އަންހެނުން ހެއިލީ ބީބާ ދެއްކި ވާހަކަތަކަށް ބޮލީވުޑްގެ ތަރި ގައުހަރް ޚާން ވަރުގަދަ ރައްދެއް ދީފި އެވެ.

އިންސްޓަގްރާމްގައި ޖަސްޓިންއާއި ހެއިލީ ހިއްސާކުރި ވީޑިއޯއެއްގައި ޖަސްޓިން ބުނީ ރޯދަ ހިފުމަކީ ކޮން ބޭނުމެއްގައި ކުރަން ޖެހޭ ކަމެއްކަން އޭނާއަށް ނުވިސްނޭ ކަމަށެވެ.

އެގޮތުން ކެއިން ބުއިމުން އެއްކިބާވެ ތިބުމުން ލިބޭނެ ފައިދާއެއް އޭނާއަށް ނުވިސްނޭ ކަމަށާއި އެހެން ކަމުން ރޯދައަށް ހުރުމުގެ މާނައެއް ވެސް އޭނާއަށް ނޭނގޭ ކަމަށް ޖަސްޓިން ބުނެފައިވެ އެވެ.

"ފޯނުންނާއި އިންޓަނެޓުން ދުރުވެ ތިބުމުގެ ފައިދާތައް އަހަރުމެންނަށް އެނގޭ. އެކަަމަކު ކާބޯތަކެއްޗަކީ އަހަރުމެންގެ ހަށިގަނޑަށް ބޭނުންވާ އެއްޗެއް. އެއިން ދުރުވެ ތިބުމުގެ ފައިދާއެއް އޮތް ކަމަކަށް ނުފެނޭ" ޖަސްޓިން ބުނެފައިވެ އެވެ.

ޖަސްޓިންގެ މި ވާހަކަތަކަށް ރައްދު ދެމުން ގައުހަރު ބުނީ ރޯދަ ހިފުމުގެ ފަހަތުގައިވާ ސައިންޓިފިކް ފައިދާތައް އެނގޭނަމަ އެފަދަ ވާހަކަތަކެއް ނުދައްކާނެ ކަމަށެވެ.

އެގޮތުން ޖަސްޓިންގެ ދެމަފިރިންނަކީ "ޖާހިލު" ބައެއް ކަމުގައި ސިފަކޮށް ކަންކަމުގެ ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށް ވެސް ގައުހަރު ބުނެފައިވެ އެވެ.

ގައުހަރަކީ މުސްލިމަކަށްވާއިރު އޭނާ އަންނަނީ ރޯދަ މަހުގެ ތަޖުރިބާތައް އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.