ރާއްޖޭގައި ސްކޫލު ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު "ސްމާޓް ވޮޗް" އެޅުން މަނާކޮށްފި އެވެ.

"ސްކޫލު ދަރިވަރުންގެ އާންމު ގަވާއިދު" ގެ ދަށުން، ދަރިވަރުން ސްކޫލަށް ހާޒިރުވާން ވާނީ އެ ސްކޫލެއްގެ ޔުނީފޯމެއްގައި ކަމަށް ކަނޑައަޅާފައިވެ އެވެ. އަދި އެ ގަވާއިދުގެ ދަށުން ދަރިވަރުން ސްމާޓް ވޮޗް އެޅުން ވަނީ މަނާކޮށްފަ އެވެ.

މި ގަވާއިދުގައި ދަރިވަރުން އަތުކުރި ގަޑީގެ އިތުރުން އެއްވެސް އިތުރު ގަހަނާއެއް ޔުނީފޯމާއެކު ބޭނުން ނުކުރުމަށް ވެސް އަންގާފައިވެ އެވެ.

"ކީސްޓޭޖް 2 އިން ފެށިގެން މަތީގެ ދަރިވަރުންނަށް ޔުނީފޯމްއާއެކު އާދައިގެ އަތުކުރީ ގަޑިއެއް އެޅިދާނެ އެވެ. ނަމަވެސް ސްމާޓް ވޮޗް އެޅުމަކީ މަނާ ކަމެކެވެ." ގަވައިދުގައި ބުނެ އެވެ.

ސްކޫލަށް ދާއިރު، ސްމާޓްވޮޗް ބޭނުންކުރުމުން މަނާކޮށްފައިވާއިރު، ސްކޫލަށް ދާއިރު އަމަލުކުރަން އަންގާފައިވާ ހެދުން އެޅުމުގެ ގަވާއިދުތަކަކީ މިހާރު ވެސް އަމަލު ކުރެވެމުންދާ ގަވާއިދުތަކެވެ.

އެގޮތުން ސްކޫލަށް ދާއިރު ނިޔަފަތި ދިގުކުރުމާއި، އިސްތަށިގަނޑުގައި ކުލަ ޖެއްސުމާއި، ގަހަނާ އެޅުމާއި ތުނބުޅި އަދި މަތިމަސް ދިގުކުރުން ފަދަ ކަންކަން މަނާކޮށްފައިވެ އެވެ.