މި ފަހުން އިންޑިއާގައި މުނިފޫނި ފިލުވުމުގެ ގޮތުން ހަބަރުތަކުގަ އާއި، ސޯޝަލް މީޑިއާގައި އެންމެ ދެކެވެމުންދިޔަ ވާހަކަތަކަކީ ނީތާ މުކޭޝް އަމްބާނީ ކަލްޗަރަލް ސެންޓާގެ ވާހަކަތަކެވެ. ދެ ދުވަހުގެ މި އިވެންޓުގައި ހޮލީވުޑާއި ބޮލީވުޑްގެ މަޝްހޫރު ތަރިން ފެނިގެންގޮސްފައިވެ އެވެ.

އޭގެތެރެއިން އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކީ، މަޝްހޫރު މޮޑެލްއެއް ކަމަށްވާ ޖީޖީ ހަދީދް ސްޓޭޖަށް އެރުމުން ބޮލީވުޑް ތަރި ވަރުން ދަވަން ޖީޖީ އުރާލި ވާހަކައެވެ. މި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވާން ގިނަ އިރެއް ނުނަގަ އެވެ. އަދި އާންމުވުމާ އެކު ވަރުންއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.

އެގޮތުން ޖީޖީ ސްޓޭޖަށް އެރުމުން ވަރުން އޭނާ ނަގައި އުރާލުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށް ގިނަ ބަޔަކު ސިފަކޮށްފައިވެ އެވެ. މިކަމާއި ގުޅިގެން އާންމުންގެ ފާޑުކިޔުންތައް އަމާޒުވަމުން ދިއުމާ ގުޅިގެން ޖީޖީ ވަނީ އޭނާގެ އިންސްޓަގްރާމުގައި، އެކަމާ އޭނާ ރުހޭކަން އަންގައިފަ އެވެ. އަދި ވަރުން ކުރި ކޮމެންޓެއްގައި، އޭނާ ބުނީ، ޖީޖީ އެ ވަގުތު ސްޓޭޖަށް އަރަން އޮތީ މާކުރިން ވެސް ޕްލޭން ކޮށްފައި ކަމަށެވެ.

ޖީޖީގެ އިތުރުން ހޮލީވުޑްގައި ފާހަގަކޮށްލެވޭ ފަންނާނުން މި އިވެންޓުގައި ބައިވެރިވެފައިވެ އެވެ. އެގޮތުން ނިކް ޖޯނަސް އާއި ޒެންޑަޔާގެ އިތުރުން ޓޮމް ހޯލެންޑް ވެސް މި އިވެންޓުގައި ބައިވެރިވެފައިވެ އެވެ.