ރާއްޖެއިން ނައްތާލާފައިވާ ކަމަށް ބުނާ ހިމަބިއްސަށް (މީސްލްސް) އަށް ޕޮޒިޓިވްވެފައިވާ ކުޑަ ކުއްޖަކު އައްޑޫ ސިޓީން ފެނިފައިވާ ކަމަށް ހެލެތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

މި ބަލި ރާއްޖެއިން ދެވަނަ ފަހަރަށް ފެނިފައި ވަނީ ދޮޅު އަހަރު ފަހުންނެވެ. ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާކަމުގެ އެވޯޑް 2017 ވަނަ އަހަރު ވަނީ ރާއްޖެއާ ހަވާލުކޮށްފަ އެވެ.

އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މިއަދުން އައްޑޫން ހިމަބިއްސަށް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި، މި ބަލި ޖެހުނު ކަމަށް ބެލެވޭ އިތުރު މީހަކު ދެނެގަނެވިފައިވާ ކަަމަށެވެ. އަދި އެއީ ހިމަބިހިކަން ކަށަވަރު ކުރުމަށް ސާމްޕަލް ނަގައި ނަގައި ޓެސްޓު ހެދުމުގެ މަސައްކަތް ކުރަމުންދާ ކަަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.

"މި ދެ ވޭދަނަ ފެނިފައި ވަނީ ކުޑަކުދިންގެ ތެރެއިންނެވެ. އެހެން ނަމަވެސް މިދެކުދިންގެ ގައިން ބަލި ފެތުރޭ މުއްދަތު (އިންފެކްޝަން ޕީރިއަޑް) ފާއިތުވެފައިވާތީ، މި ދެކުދިންގެ ފަރާތުން މިވަގުތު އިތުރަށް ބަލި ފެތުރުމުގެ ފުރުސަތު ނެތް ކަން ފާހަގަ ކުރަމެވެ" އެޗްޕީއޭގެ ބަޔާނުގައިވެ އެވެ.

އެޗްްޕީއޭ އިން ބުނީ، ހިމަބިއްސަކީ ރާއްޖޭގައި ނައްތާލެވިފައިވާ ބައްޔެއް ކަމަށް ވުމާއެކު، މި ބަލި އެންމެ ވޭދަނައެއް ފެނުނުކަމުވައި ވިޔަސް އެ ބެލެވޭނީ "އައުޓްބްރޭކެއް"ގެ ގޮތުގައި ކަަމަށެވެ. އަދި މިފަދަ ހާލަތުގައި އަމަލު ކުރަން ހަމަޖެހިފައިވާ އުސޫލުގެ މަތިން، ގާތުން އެއްތާވި މީހުން ދެނެގަތުމާއި، ބަލި ޖެހެން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް އެޗްޕީއޭގެ ލަފާގެ މަތިން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ކުރަމުންދާ ކަމަށް އެ އެޖެންސީން ބުންޏެވެ.