ޓޯކިޔޯ (1 ޖެނުއަރީ 2021) - ކޮވިޑް ވައިރަސް އާ ހެދި ލަސްކުރި 2020 ވަނަ އަހަރުގެ އޮލިމްޕިކްސް އަދި ޕެރެލިމްޕިކްސް ރައްޔިތުން ނުރުހުނު ނަމަވެސް މިއަހަރު ބާއްވަން ޖަޕާނު ސަރުކާރުން ނިންމައިފި އެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިދޭ ޝުގާ ވިދާޅުވިގޮތުގައި އޮލިމްޕިކްސް ބާއްވާނީ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކާ އެކުގަ އެވެ.

އޮލިމްޕިކްސް އޮންނާނީ މިއަހަރުގެ ޖުލައި މަހު 23 ގަ އެވެ. އަދި ޕެރަލިމްޕިކްސް އޮންނާނީ އޭގެ މަސް ދުވަސް ފަހުން 24 އޮގަސްޓްގަ އެވެ. ޖަޕާންގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އޮލިމްޕިކްސްއަކީ ދުނިޔޭގެ އެއްބައިވަންތަކަމުގެ ނިޝާނެކެވެ.

ކޮވިޑް ވައިރަސްގެ ސަބަބުން އިގްތިސާދަށް ބޮޑު ހީނަރުކަމެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އޮލިމްޕިކްސް ބާއްވާތީވެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

ޖަޕާނުގެ ނޭޝަނަލް ބްރޮޑްކާސްޓިން ކޯޕަރޭޝަނުން ކުރިއަށް ގެންދިޔަ ސާވޭއަކުން ދައްކާގޮތުގައި ޖަޕާން ރައްޔަތުންގެ މެޖޯރިޓީ މިއަހަރު އޮލިމްޕިސް ބޭއްވުމާ ދެކޮޅެވެ. ރައްޔަތުން ބޭނުން ވަނީ އޮލިމްޕިކްސް ލަސްކުރުމަށް ނުވަތަ ކެންސަލް ކުރުމަށެވެ.

އިނގިރޭސި ވިލާތުން ފެނުނު ކޮވިޑް ވައިރަސްގެ އައު ސްޓްރެއިން ޖަޕާނުން ވެސް ފެނިފައިވާ ކަމަށް އެގައުމުން ވަނީ ރިޕޯޓްކޮށްފަ އެވެ. ޑިސެމްބަރު 31 ގައި އެގައުމުން ވަނީ 1،337 ކޭސް ރިޕޯޓްކޮށްފަ އެވެ. އަދި އިތުރު 783 ކޭސް ވަނީ ހުކުރު ދުވަހު ރިޕޯޓްކޮށްފަ އެވެ. އެއާއެކު ޖަޕާނުން ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު ވަނީ 239،041 އަށް އަރާފަ އެވެ. އަދި މި ރޯގާގައި 3337 މީހުން ވަނީ މަރުވެފަ އެވެ. ބީބީސީ