ސަރުކާރު ހިންގާ އެމްޑީޕީއަށް ނިސްބަތްވާ ކ. މާފުށީގެ ހަ މީހަކު ޕީޕީއެމްއަށް ސޮއިކޮށްފި އެވެ.
މާފުށީގައި މިރޭ ބޭއްވި ހަފްލާއެއްގައި ސޮއިކުރި އެ މީހުންނަކީ ފެށުނީއްސުރެ އެމްޑީޕީގައި އުޅުނު މީހުންނެވެ. އޭގެ ތެރޭގައި މާފުށީގެ ބޮޑެތި ވިޔަފާރިވެރިން ވެސް ހިމެނެ އެވެ.
އެ މީހުން ވަނީ ޕީޕީއެމަށް ސޮއިކުރި ފޯމް އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ހަވާލުކޮށްފަ އެވެ.
ޕީޕީއެމްއަށް ސޮއި ކުރެއްވި އަލީ ރަމީޒް ބުނީ އޭނާ އެ ޕާޓީއަށް ސޮއި ކުރަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ލިބެމުންދާ އަނިޔާތަކުން ސަލާމަތް ކުރުމަށް އެހީތެރިވުމަށް ކަމަށެވެ. ސޮއިކުރި މީހުންގެ ތެރޭގައި މާފުށީގެ ކުރީގެ ކައުންސިލަރަކު ވެސް ހިމެނެ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގުރައިދޫ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ހުސައިން ރިޒާ ވިދާޅުވީ ޕީޕީއެމުން ރަށްރަށަށް ދަތުރުކުރަނީ ބަހާނެ އެއްޗެއް ހިފައިގެން ނޫން ކަމަށެވެ.
"އަޅުގަނޑުމެން އައީ ބަހާނެ އެއްޗެއް ހިފައިގެނެއް ނޫން. މި ޕާޓީން އަޅުގަނޑަށް ދިން ޒިންމާއަކީ ބޭބެގެ އެ ލެގަސީ ދެމެހެއްްޓުން. ބޭބެގެ އެ އޯގާތެރިކަން ދަމަހައްޓަން. އެ ހިތްހެޔޮކަމާއި އެ ރީތި ސިފަތައް ދަމަހައްޓަން. އެ ލެގަސީ ދަމަހައްޓަން،" އޭނާ ވިދާޅުވި އެވެ.