އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ދޮށީ ދަރިފުޅު، މާލިއާ އޮބާމާ ކުރު ފިލްމެއް ޑައިރެކްޓް ކުރަން ތައްޔާރުވެއްޖެ އެވެ.

އޮބާމާ އާއި މިޝެލް އޮބާމާގެ ދޮށީ އަންހެން ދަރިފުޅު މާލިއާ ތައްޔާރުވަމުން އަންނަނީ ޑޮނަލްޑް ގްލޯވަރުގެ އާ ޕްރޮޑަކްޝަން ކުންފުނި ގިލްގާގެ ދަށުން ރިލީޒްކުރާ ކުރު ފިލްމެއް ޑައިރެކްޓް ކުރުމަށެވެ.

ޑޮނަލްޑް ގްލޯވަރު އަކީ އެމީ އާއި ގޯލްޑަން ގްލޯބް އެވޯޑް ވެސް ހާސިލުކޮށްފައިވާ ފަރާތްތަކެވެ.

އުމުރުން 24 އަހަރުގެ މާލިއާ ވަނީ މާޗް 17 ވަނަ ދުވަހު ޕްރިމިއާކުރި ޑޮނަލްޑްގެ އެމެޒޯން ޕްރައިމް ވީޑިއޯ ސީރީޒް "ސްވާމް" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ފިލްމު އުފެއްދުމުގެ ފުރިހަމަ ބާރު މާލިއާއަށް ޑޮނަލްޑް ވަނީ ދީފަ އެވެ.

ޖީކިއުއަށް ދިން އިންޓަވިއުއެއްގައި ޑޮނަލްޑް ބުނެފައި ވަނީ މާލިއާ އަކީ ހުނަރުވެރި ޒުވާނެއް ކަމަށާއި އޭނާއަށް ރަނގަޅު ފިލްމެއް ގެނެސްދެވޭނެ ކަމަށެވެ.

މާލިއާގެ އާ ކުރު ފިލްމުގެ ވާހަކައާ ބެހޭ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.