ކޮމިއުނީޓީ ބޭސްޑް ޓޫރިޒަމް މިހާރު 118 ރަށަށް ފުޅާވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމް ނުވަތަ ލޯކަކް ޓޫރިޒަމްގެ ތެރޭގައި ހިމެނެނީ ގެސްޓް ހައުސް އަދި ޓޫރިސްޓު ހޮޓަލެވެ.

ޓޫރިޒަމް މިނސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 896 ގެސްޓް ހައުސް އާއި 13 ޓޫރިސްޓު ހޮޓެލް ތަރައްގީކޮށްފައިވެ އެވެ. މިގޮތުން 20 އަތޮޅެއްގައި ގެސްޓް ހައުސް ހުރިއިރު، 8 އަތޮޅެއްގައި ޓޫރިސްޓު ހޮޓެލް ތަރައްގީކޮށްފައިވެ އެވެ.

މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓޫރިޒަމްގެ ނަފަ އާއި މަންފާ ސީދާ ރައްޔިތުންނަށް ލިބޭ ކޮމިއުނީޓީ ބޭސްޑް ޓޫރިޒަމް (ރައްޔިތުންގެ ފަތުރުވެރިކަން) މިހާރު ރާއްޖޭގެ ހުރިހާ އަތޮޅަތަކާއި ސިޓީތައް ހިމެނޭ ގޮތައް 118 ރަށަށް ފުޅާވެފައިވާ ކަމަށެވެ. އަދި 909 ފެސިލިޓީގައި 16،300 އެނދު އެބަހުރި ކަމަށް ވެސް ޑރ. މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރަށްރަށުގައި ހުރި އެނދުގެ އަދަދު އެއީ ރައްޖޭގެ ޖުމްލަ އެނދުގެ 27 ޕަސެންޓް ކަމަށެވެ.

ޑރ. މައުސޫމް "ހުރިހާ"އަށް މިއަދު ވިދާޅުވީ މިއަހަރުގެ ނިޔަލަށް ހުރިހާ ރަށަކަށް ޓޫރިޒަމް ގެންދިއުމަށް މަގުފަހިވާނެ ކަމަށެވެ. އަދި ރަށްރަށް ޓޫރިޒަމް ގެންދެވޭނީ ދަތުރުފަތުރާއި ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުވެފައި ހުރެގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.