ޓެރަރިޒަމްގެ ތުހުމަތުގައި އިންޑިޔާ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުން ކޯޓު އަމުރު ނެރެފައިވަނީ އިންޑިޔާގެ 28 އަހަރުގެ ރައްޔިތެއް ކަމަށްވާ ރާޖް ޕްރަޝާންތް ކިޔާ މީހެއްގެ މައްޗަށެވެ.

އޭނާ ކަސްޓޯޑިއަލް ޖަލުގައި ބަންދު ކޮށްފައިވަނީ މިދިޔަ ޑިސެމްބަރު 30 ވަނަ ދުވަހު އެވެ.

އިންޑިއާ މީހާ ބަންދުގައި ބަހައްޓަން ނިންމާފައި ވަނީ މައްސަލައިގެ ޒާތަށް ބަލައި ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށައަޅާފައިވުމުން މުޖުތަމައުގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި ކަމަށާއި ބިދޭސީއަކަށްވުމުން ފިލާފާނެ ކަމަށްޓަކައި ކަމަށް ކޯޓު އަމުރުގައި ވެ އެވެ.

އޭނާ އަށްވަނީ ފަސް ދުވަހުގެ މުއްދަތެއް ޖަހާފަ އެވެ. އަދި ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށް ވެސް ކޯޓު އަމުރުގައިވެ އެވެ. އަދި އިތުރަށް ހެކި ހުށައަޅަން ކޯޓުން ވަނީ ފުރުސަތު ދީފަ އެވެ.

އިންޑިޔާގެ މި މީހާ ޓެރަރިޒަމްގެ މައްސަލައެއްގައި ހައްޔަރުކުރިކަން މިހާތަނަށް އެއްވެސް އިދާރާއަކުން މީޑިއާއަށް ހާމަކޮށްފައެއް ނުވެ އެވެ. އަދި އޭނާ ހައްޔަރުކުރީ ޓެރަރިޒަމްގެ ކޮން ކަހަލަ އަމަލެއްގައި ކަމަށް ވެސް ސާފެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި އެ މީހާ ހައްޔަރުކޮށްފައި ވަނީ އެއާޕޯޓް ސެކިއުރިޓީއިން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުންނެވެ.

ޔަމަންގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހްޔާ ރާއްޖޭގައި ޓެރަރިޒަމްގެ ކުށެއްގައި ހައްޔަރު ކުރިފަހުން ރާއްޖެއިން ބޭރު މީހަކު މިފަދަ މައްސަލައެއްގައި ރާއްޖޭގައި ހައްޔަރު ކުރިކަން އެނގޭކަށް ނެތެވެ. ޔާސިރު ވަނީ ބަންދުގައި ހުއްޓާ މަރުވެފަ އެވެ.