ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ޔާމީ ގޯތަމް އަކީ ފުލުފުލުގައި ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ބަތަލާއެއް ކަމަށް ބުނެ ޔާމީގެ އެކްޓިންނަށް ބަތަލާ ކަންގަނާ ރަނާވަތު ތައުރީފުކޮށްފި އެވެ.
ބަތަލާ ޔާމީ ގޯތަމްގެ އެންމެ ފަހުގެ ފިލްމު "ޗޯރް ނިކަލް ކޭ ބާގާ" އަށް ނެޓްފްލިކްސްގައި ލިބެމުން އަންނަ ކާމިޔާބީ ފާހަގަކޮށް ކަންގަނާ ބުނީ ޔާމީއަކީ ހުނަރުވެރި ބަތަލާއެއް ކަމަށާއި އޭނާ އަންނަނީ ފުލުފުލިގައި ކާމިޔާބު ފިލުމުތަކެއް ބެލުންތެރިންނަށް ގެނެސްދެމުން ކަމަށެވެ.
އާންމުކޮށް ބޮލީވުޑްގައި މަސައްކަތް ކުރާ އެކްޓަރުންނަށް ފާޑުކިޔާ ކަންގަނާ އޭނާގެ އިންސްޓަގްރާމްގައި ސްޓޯރީގައި ޔާމީ ޓެގްކޮށް އޭނާގެ މަސައްކަތަށް ވަނީ ތައުރީފު ކޮށްފަ އެވެ.
މިދިޔަ މަހުގެ 24 ގައި ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފެށި ހެއިސްޓް ތުރިލާ "ޗޯރް ނިކަލް ކޭ ބާގާ" އަކީ އެންމެ ގިނަ މީހުން ބެލި ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. ފިލްމު ރިލީޒްކުރިތާ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި 29 ލައްކައަށް ވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ.
ކަންގަނާ އަކީ އަބަދުވެސް ޔާމީގެ އަގުވަޒަންކުރާ މީހެކެވެ. ބަތަލާ ޔާމީ ޑައިރެކްޓަރު އަދީއްޔާ ދަރާ އާއި ކައިވެނި ކުރިއިރު، ކަންގަނާ ވަނީ އޭނާއަށް މަރުހަބާ ކިޔާފަ އެވެ.
"ޗޯރް ނިކަލް ކޭ ބާގާ" އަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް އަޖޭ ސިންގް ޑައިރެކްޓްކުރި ފިލްމެކެވެ. މީގެ ބަތަލަ ޔާމީއާ އެކީ 2019 ގެ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ކުޅުނު އެކްޓަރު ވިކީ ކޯޝަލްގެ ކޮއްކޮ ސަނީ ކޯޝަލް އެވެ. އެ ފިލްމަކީ ޔާމީގެ ފިރިމީހާ އަދިތިޔާ ދާރް ޑައިރެކްޓްކުރި ފިލްމެކެވެ.
"ޗޯރް ނިކަލް ކޭ ބާގާ" ގެ ކާސްޓްގައި ޝަރަދު ކެލްކަރާއި އިންދަރްނީލް ސެންގުޕްތާގެ އިތުރުން ބަރޫން ޗަންދާ ހިމެނެ އެވެ.
މި ފިލްމު ރިލީޒްވި ޔާމީގެ ފިލްމުތަކުގެ ތެރެއިން "ދާސްވީ" އާއި "އަ ތާޒްޑޭ" އަދި "ލޮސްޓް" އަކީ ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމުތަކެވެ.