ސ. މަރަދޫގައި ހުންނަ ރޫޓް ފިހާރަ ފަޅާލައި، އެތައް މިލިއަން ރުފިޔާ ވަގަށް ނަގައިފި އެވެ.

ދުންފަތާއި ސިނގިރެޓްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކުންފުނިން އައްޑޫގައި ހިންގާ ފިހާރަ ފަޅާލާ އެތަނުން ގިނަ އަދަދެއްގެ ފައިސާއާ ތަކެތި ވަގަށް ނަގާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"ހުރިހާ"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޫޓު ފަޅާލައިގެން ތިން މިލިއަނެއްހާ ރުފިޔާ ވަނީ ވަގަށް ނަގައިފަ އެވެ.

އެ ފިހާރަ ފަޅާލާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މަރަދޫގައި ހުންނަ ރޫޓް ފިހާރަ ފަޅާލިއިރު މާލޭގައި ހިންގާ ރޫޓް ފިހާރައިގެ ގިނަ އަދަދެއްގެ ފައިސާތަކެއް މަގުމަތީން ފޭރެން އުޅުނު މައްސަލައެއްގައި ގިނަ ބަޔަކު ހައްޔަރުކޮށް ދައުވާ އުފުލާފައި ވަނިކޮށެވެ.

މިދިއަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ރޫޓު ކުންފުނީގެ 4.5 މިލިއަނެއްހާ ރުފިޔާ ޖަމާ ކުރަން ބޭންކް އޮފް ސިލޯނަށް ގެންދިޔަ މަގުމަތީގައި ބަޔަކު ފޭރެން އުޅެނިކޮށް، އެކަން ނާކާމިޔާބުކޮށްލީ، އެ ވަގުތު އެތާނގައި ތިބި މުވައްޒަފުންނާއި ބޭންކުގެ ސެކިއުރިޓީންނެވެ.