ޑިމޮކްރެޓިކް އުސޫލުތަކާ ހިލާފު ބަދަލުތަކެއް ދުސްތޫރަށް ގެންނަ ކަމަށް ބުނެ، އާދާލަތު ޕާޓީއާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

"ހުރިހާ"އާ ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ އެޕާޓީގެ މެމްބަރުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ހުށައަޅަމުންދާ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނަށް އެޕާޓީގެ ދަފްތަރުގައި ހިމެނޭ މެމްބަރުންގެ ފަރާތުން އެބަހުރި ގިނަ ޝަކުވާތަކެއް ފޮނުވާފައި. އޭގެ ތެރޭގައި ޕާޓީގެ ދުސްތޫރު ނުވަތަ އަސާސީ ގަވައިދަށް ބަދަލުތަކެއް ގެންނަން އުޅޭ ކަމަށް ޝަކުވާ ލިބިފައި އެބަހުރި. އަޅުގަނޑުމެން ބާރުއަޅަނީ ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން ޕާޓީތައް ވެސް ހިންގުމަށް. ރަސްމީކޮށް އަދާލަތު ޕާޓީން އަދި އަޅުގަނޑުމެންނަކަށް އެއްވެސް އެއްޗެއް އަންގާފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ކޮމިޝަނަށް އެކަމުގައި އެއްޗެއް ބުނެވޭނީ ދުސްތޫރަށް ބަދަލު ގެނައުމުން ކަމަށެވެ. ނަމަވެސް މިހާރު ވެސް މެމްބަރުން މިކަމުގެ ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ހުށައަޅަމުންދާކަން ޝަރީފް ވެސް ފާހަގަކުރެއްވި އެވެ.

"ސިޔާސީ ޕާޓީތަކުގައި އަންހެނުންގެ ހިއްސާ ވެސް ހަމަހަމަކޮށް އޮންނަންޖެހޭ. އެގޮތުން ޕާޓީތަކުގެ ރައީސުންނަށް ވެސް އަންހެނުންނަށް ކުރިމަތިލެވެން ޖެހޭނެ. އެކަންކަން ބަދަލު ކުރުމަކީ ޤާނޫނުއަސާސީއާއި ޚިލާފު ކަމެއް،" ޝަރީފް ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ދުސްތޫރަށް މައިގަނޑު ދެ ބަދަލެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ މެންބަރުން ބުނެ އެވެ. އެ ގޮތުން ޕާޓީގެ ރައީސްކަމާއި ނާއިބު ރައީސް ކަމަށް ކުރިމަތިލެވޭނީ، ކުރިމަތިލުމާއި ހަމައަށް ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި މެދުނުކެނޑި ދެ އަހަރު އުޅެމުން އަންނަ މީހަކަށް ކަމަށް ހަމަޖެއްސުމާއި އަދާލަތު ޕާޓީގެ ރައީސް ކަމަށް އަންހެނަކަށް ކުރިމަތި ނުލެވޭ ގޮތް ހެދުން ހިމެނެ އެވެ.

އަދާލަތު ޕާޓީން ޝަކުވާ ހުށައަޅާފައިވާ މެމްބަރުން ތުހުމަތު ކުރާ ގޮތުގައި އެ ޕާޓީގެ ދުސްތޫރަށް ބަދަލު ގެންނަން އުޅެނީ މިހާރުގެ ރައީސް އިމްރާން އަބްދުﷲ ޢާއި ނައިބު ރައީސް އަލީ ޒާހިރަށް އަނެއްކާ ވެސް އެ މަގާމުތަކުގައި ދެމިތިބެވޭ ގޮތަށް ހެދުމަށެވެ. އެ ޕާޓީގެ ފޮރިން އެފެއާޒް ކޮމިޓީގެ ރައީސް ކަމުގައި ހުންނެވި ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ޕާޓީގެ ރައީސް ކަމަށް ވާދަކުރަން އުޅޭކަމުގެ ވާހަކަތަކެއް ވެސް ދާދިފަހުން ވަނީ ފެންމަތިވެފަ އެވެ. ނަމަވެސް ޝިދާތާގެ ފަރާތުން ރަސްމީކޮށް އެކަން ހާމަކޮށްފަ އެއް ނުވެ އެވެ. އަންހެނުންނަށް ފުރުސަތު ހަނިވާގޮތަށް މިފަދަ ގަވައިދުތައް ހެދުމަކީ ގާނޫނުއަސާސީ އާއި ރާއްޖެއިން ބައިވެރިވެފައިވާ މިފަދަ މުއާހަދާތަކާ ހިލާފު ކަމެކެވެ.

އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބު މި މަހުގެ 23 ގައި ބާއްވަން ނިންމާފައިވާކަން އެޕާޓީން ވަނީ ހާމަކޮށްފަ އެވެ.

އެޕާޓީން ނެރުނު އިއުލާނެއްގައި ވަނީ އެޕާޓީގެ ދުސްތޫރުގައިވާ ގޮތުގެ މަތިން ޕާޓީގެ ތިން ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި ބާއްވާ އިންތިޚާބު 23 ޖެނުއަރީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދާލަތު ޕާޓީގެ ގައުމީ މަޖިލިސް އަންނަ އަހަރުގެ ފެބުރުއަރީ 26 އަދި 27 ގައި ބާއްވާގޮތަށް ވަނީ ނިންމާފަ އެވެ.

ގައުމީ މަޖިލީހުގެ ކުރިން، ޕާޓީގެ ރައީސާއި، ނައިބު ރައީސް ކަމުގެ އިންތިޚާބާއި، ދާއިރާ ރައީސުންނާއި ގޮފިތަކުގެ ހިންގާ ކޮމިޓީގެ އިންތިޚާބު މިއަހަރު ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި އޭގެ އިތުރުން، ޢަދާލަތު ޕާޓީގެ ޒުވާނުންގެ މަޖިލީހާއި، އަންހެނުންގެ މަޖިލީހާއި، ފަނޑިޔާރުންގެ މަޖިލީހަށް ކުރިމަތިލުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލެވޭނެ ކަމަށް ވެސް އެޕާޓީން ބުނެ އެވެ.