ކޮވިޑް 19ގެ ބަލިމަޑުކަމަށްފަހު ގޭގައި ތިބެގެން ވަޒީފާ އަދާ ކުރުން ނުވަތަ "ރިމޯޓް ވޯކް"އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބޮޑަށް މަގުބޫލުވެފައިވާ ކަމެކެވެ.

ނަމަވެސް، ސައިންސް ޖާނަލްގައި ޝާއިޢުކޮށްފައިވާ އާ ދިރާސާއަކުން ދައްކާ ގޮތުގައި، ގޭގައި އެކަނި ތިބެގެން ފުލް-ޓައިމްކޮށް މަސައްކަތް ކުރުމަކީ މީހުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ނޭދެވޭ އަސަރުތަކެއް ކުރުވާ، އެކަހެރިވުން އިތުރު ކުރުވާ ކަމެކެވެ.

މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި، ގޭގައި ތިބެގެން ކުރެވޭ ފަދަ ވަޒީފާތަކުގައި އުޅޭ އަދި އެކަނި ދިރިއުޅޭ މީހުން، އޮފީހަށް ގޮސްގެން މަސައްކަތްކުރާ މީހުންނާ އަޅައިބަލާއިރު ދެގުނަ އިތުރަށް އިޖުތިމާއީ ގުޅުންތަކުން މަހުރޫމުވެ ނަފްސާނީ ގޮތުން ނުތަނަވަސްކަން އިހުސާސްކުރެވެ އެވެ.

މިފަދަ މަސައްކަތްތެރިންގެ ތެރެއިން އެކަނި އުޅޭ މީހުންގެ ދުވަސްތަކުގެ ބޮޑުބައެއް އެއްވެސް އިޖުތިމާއީ މުއާމަލާތަކާ ނުލައި ހޭދަވާކަން ދިރާސާއިން ދައްކަ އެވެ.

މަސައްކަތް ނިންމުމަށްފަހުވެސް މީހުންނާ ބައްދަލުކޮށް ހެދުމުގެ އާދަ ނެތުމުގެ ސަބަބުން، އެކަނިވެރިކަން އިތުރުވެ، ނަފްސާނީ ޚިދުމަތްތަކަށް ބަރޯސާވާ މިންވަރު އިތުރު ވަމުންދާކަން ތަފާސް ހިސާބުތަކުން ހާމަވެ އެވެ.

ނަމަވެސް، ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި މައްސަލައަކީ ހަމައެކަނި ގޭގައި މަސައްކަތް ކުރުމެއް ނޫނެވެ. އޮފީހަށް ދާން ޖެހުމަކީ އެކަނިވެރިކަމަށް ދާއިމީ ހައްލެއް ކަމުގައި ނުވެދާނެ އެވެ.

މުހިންމު ކަމަކީ މަސައްކަތްކުރާ މާހައުލު ކޮންމެ ތަނެއްގައި ހުރި ނަމަވެސް، އަމިއްލަ ނަފްސަށް އަޅާލައި، އިޖުތިމާއީ ގުޅުންތައް ބަދަހިކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް މަސައްކަތް ކުރުމެވެ.