ލޮކްޑައުން ތެރޭގައި ފޮތް ކިޔުމުގެ މެރަތަންއެއް ކާމިޔާބުކޮށް ޑަޗެސް އޮފް ކޯންވެލްގެ ތައުރީފު ލިބުނު 8 އަހަރުގެ ކުއްޖަކު އެންމެ ފަހުން އޭނާގެ އަމިއްލަ ފޮތެއް ލިޔެފި އެވެ.

ބޮލްޓަންއަށް ނިސްބަތްވާ މިލިންދު ކުމާރް އަމިއްލައަށް ލިޔެ ޝާއިއުކުރި ފޮތައް ކިޔަނީ "ކޮވިޑް ކްރިސްޓްމަސް ޕެރޭޑް" އެވެ. މި ހިޔާލީ ވާހަކަ ބިނާކޮށްފައި ވަނީ ޕެންޑެމިކްގެ ތެރޭގައި އުފާ ފަތުރަމުން ދިޔަ ފިރިހެން ކުއްޖަކާ ބެހޭ ގޮތުންނެވެ.

މި ފޮތް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރަން ނިންމާފައިވަނީ ނޭޝަނަލް ލިޓްރެސީ ފަންޑަށެވެ. މީގެ އިތުރުން ވެސް ފަންޑްރެއިސިންއަށް މިލިންދު ކުރާ މަސައްކަތަށް ޔޫކޭގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންސްގެ ތައުރީފު ވަނީ ލިބިފަ އެވެ.

މިލިންދު ބުނެފައިވަނީ އެއީ ލިބުނު ބޮޑު ފަހުރެއް ކަމަށެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި އަމިއްލައަށް ފޮތެއް ލިޔުމުގެ ހިޔާލު އުފެދުނީ ތިން މަސްދުވަހުގެ ތެރޭގައި 50 ފޮތް ކިޔުމުގެ ޗެލެންޖު ފުރިހަމަ ކުރެވުމުންނެވެ.

ޑަޗެސް އޮފް ކޯންވެލް ވަނީ މިކަމާ ގުޅިގެން ލިޔުމަކުން މިލިންދަށް މަރުހަބާ ކިޔާފަ އެވެ.

މީގެ އިތުރުން އޭނާއަށް ވަނީ އައުޓްސްޓޭންޑިން ވޮލެންޓިއަރުންނަށް ދޭ "ޕޮއިންޓްސް އޮފް ލައިޓް އެވޯޑްވެސް ލިބިފަ އެވެ.