ރާއްޖޭގައި ބޮޑެތި މަޝްރޫއުތައް ހިންގަމުން އަންނަ އިންޑިއާގެ އެފްކޮން ކުންފުނި ވިއްކާލިޔަސް އެއްވެސް މަޝްރޫއަކަށް ބުރޫ ނާރާނެ ކަމަށް ރައީށް އޮފީހުން މިއަދު ބުނެފި އެވެ.
ތިލަމާލެ ބުރިޖުގެ މަސައްކަތް ވެސް ކުރަމުން އަންނަނީ އެފްކޮން ކުންފުނިންނެވެ.
އެފްކޮންސްގެ މައި ކުންފުނި ޝަޕޫރްޖީ ޕަލޯންޖީން ގުރޫޕު މާލީ ގޮތުން ދަތިވެ، އެކުންފުނީގެ ދަށޫން ހިންގާ އެފްކޮންސްގެ ހުރިހާ މުދަލެއް ވިއްކާލުމަށް ނިންމާފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓު ކޮށްފައި އެވެ.
އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އެފްކޮން ކުންފުނި ވިއްކާލިޔަސް ރާއްޖޭގައި އެ ކުންފުނިން ހިންގާ މަޝްރޫއުތަކަށް އަސަރެއް ނުކުރާނެ ކަމަށެވެ. އަދި ކުންފުނިތަކުން އެ ކުންފުނުންޏެއްގެ މުދާ ވިއްކުމަކީ އާންމުކޮށް ވެސް ހިނގާކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެފްކޮންސް ކުންފުނީގެ ޕޭރެންޓު ކުންފުނިން ވިއްކާލަން އުޅޭ ވާހަކަ މީޑިއާތަކުން އަޅުގަނޑުމެންނަށް ވެސް ފެނުނު. ނަމަވެސް އެއީކީ ރާއްޖޭގައި ހިނގަމުންދާ މަޝްރޫއުތަކަށް އެއްވެސް އަސަރެއް ކުރާނެ ކަމެއް ނޫން." މިއުވާން ވިދާޅުވި އެވެ.
މިއުވާން ވިދާޅުވީ އެކުންފުނި ވިއްކާލުމާ ގުޅޭގޮތުން ސަރުކާރާ މަޝްވަރާ ކޮށްފައިނުވާ ކަމަށެވެ.
ނަމަވެސް، މިއުވާން ވިދާޅުވީ އެފްކޮންސް ވިއްކާލުމާ ގުޅޭގޮތުން ރާއްޖެއާ އެކު މުއާމަލާތެއް ކޮށްފައިނުވާ ކަމަށެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން އެސްޕީ ގްރޫޕުން އަންނަނީ އެ ކުންފުނީގެ ދެ ބިލިއަން ޑޮލަރުގެ އެސެޓް ވިއްކާލަން މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއި އެ ކުންފުނީގެ ދަށުން އިންޑިއާގެ އިރުމަތީ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު އެއް ޕޯޓު ކަމަށްވާ ގޯޕާލްޕޫރު ޕޯޓު ހިމެނެ އެވެ.
އެފްކޮންސްއިން ރާއްޖޭގައި ހިންގާ ތިލަމާލެ ގުޅާލާ ބްރިޖަކީ 530 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. އަދި އައްޑޫގައި ހިންގާ ޕްރޮޖެކްޓަކީ 147 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ.