ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ހިންގުމަށް 2017 ވަނަ އަހަރު ސަރުކާރުން ހަވާލުކުރި އިންޑިއާގެ ނޫރު އިސްލާމިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައި)އަށް ބަދަލުގެ ގޮތުގައި 29 މިލިއަން ރުފިޔާ ދިންކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ރިޕޯޓެއްގައި ބުނެފި އެވެ.

އެންއައިއައި އާއެކު ސޮއިކުރި އެއްބަސްވުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އުވައިލުމަށް ފަހު އެ ކުންފުންޏަށް ދިވެހި ދައުލަތުން ބަދަލުގެ ގޮތުގައި 29 މިލިއަން ރުފިޔާ ދީފައިވާކަން ރިޕޯޓުން ހާމަވެ އެވެ.

އިންޑިއާގެ ނިމްސް ހޮސްޕިޓަލް ވެސް ހިންގާ ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓްގެ 80 ޕަސެންޓް ހިއްސާ އޮންނަ އެންއައިއައި އާ ކުޅުދުއްފުށި ހޮސްޕިޓަލް ހިންގަން 50 އަހަރަށް ހަވާލުކުރި އެއްބަސްވުން ބާތިލު ކުރީ މި ސަރުކާރުގައި އޮކްޓޫބަރު 27 2019 ވަނަ އަހަރު އެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެއްބަސްވުން އުވާލީ އެންއައިއައި އަށް އާސަންދަ އިން ލިބެންޖެހޭ ފައިސާއާއި، ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަޝްރޫއަށް ހޯދާފައިވާ އިކުއިޕްމަންޓް އާއި މެޝިނަރީގެ އަގުގެ ގޮތުގައި 19.9 މިލިއަން ރުފިޔާ، މެޑިކަލް ކޮންސިއުމަބަލްސްއަށާއި ހޮސްޕިޓަލަށް ގެނައި ބިދޭސީ މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޚަރަދުގެ ގޮތުގައި ނުވަ މިލިއަން ރުފިޔާ އާއިއެކު ޖުމްލަ 29 މިލިއަން ރުފިޔާ އެކުންފުންޏަށް ދިނުމަށް ހެލްތު މިނިސްޓްރީ އާއިއެކު އެއްބަސްވުމަކަށް އައުމަށް ފަހުއެވެ.

އެގޮތުން 2019 ވަނަ އަހަރުގެ ނޮވެންބަރު މަހާއި ޑިސެމްބަރު މަހު އެ ފައިސާ ފިނޭންސް މިނިސްޓްރީން އެންއައިއައި އަށް ވަނީ ދީފަ އެވެ.

އޮޑިޓް އޮފީހުން ބުނިގޮތުގައި އެންއައިއައި އާއި ދިވެހި ސަރުކާރާ ދެމެދު ސެޓުލްމެންޓް އެގްރީމެންޓް ހެދި އިރު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ހިންގުމަށް ހޯދާފައިވާ މުދަލާއި ހިދުމަތުގެ އަގަށް އެކި ފަރާތްތަކަށް ނުދައްކާ ހުރި ފައިސާ ދެއްކުމާ ގުޅޭ ގޮތުން ވަކި ގޮތެއް ބަޔާންކޮށްފައެއް ނުވެ އެވެ. އަދި އެ ހޮސްޕިޓަލް ހިންގުމުގެ ހުރިހާ ޒިންމާއެއް އެންއައިއައިގެ މަތިން ކެނޑިފައިވާތީ، ބިލްތަކަށް ނުދައްކާ ހުރި ފައިސާ ދައްކަން ޖެހޭނީ ހެލްތް މިނިސްޓްރީ އަށް ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނެފައިވެ އެވެ.