ކާބުލް (2 ޖެނުއަރީ ) - އަފްޣާނިސްތާނުގެ ސެންޓްރަލް ޕްރޮވިންސެއް ކަމަށްވާ ގޯރުގައި ނޫސްވެރިއަކަށް ބަޑިން ހަމަލާދީ މަރާލައިފި އެވެ.

ގޯރު ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރު ހަބީބުﷲ ރަދްމަނެޝް ވިދާޅުވިގޮތުގައި ވޮއިސް އޮފް ގޯރު ރެޑިއޯގެ ހެޑް ބިސްމިﷲ އަދެލް އައިމާގް ހަވީރު ވަގުތެއްގައި ކާރުގައި ދަނިކޮށް ބަޑިހިފައިގެން ހުރި މީހަކު ދިން ހަމަލާގައި ވަނީ މަރުވެފަ އެވެ.

އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ގަނީ ވަނީ މިހަމަލާ ކުށްވެރިކުރައްވާފަ އެވެ. އަދި އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ތާލިބާން އަދި އެހެނިހެން ޓެރަރިސްޓް ޖަމާއަތްތަކުން ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް ނޫސްވެރިންނާއި އަދި މީޑިއާގެ އަޑު ކަޑުވާނުލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާގެ ސަރުކާރުން މަސައްކަތްކުރާނީ އަބަދުވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހިތްވަރުދިނުމަށް ކަމަށް ވިދާޅުވި އެވެ.

ނޫސްވެރިންނާއި އެކްޓިވިސްޓުން އަދި ސިޔާސީ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ މިފަދަ ހަމަލާތައް ފަހަކަށް އައިސް އަފްޣާނިސްތާނުގައި ވަނީ އިތުރުވެފަ އެވެ. މި ގޮތުން މިދިޔަ ހަފްތާގައި ވެސް ވަނީ އެކްޓިވިސްޓަކު މަރާލާފަ އެވެ. އައިމާގްއަކީ މިގޮތަށް އަފްޣާނިސްތާނުގައި މަރާލެވުނު ފަސް ވަނަ ނޫސްވެރިޔާ އެވެ.

ތާލިބާނުން ވަނީ ނޫސްވެރިންނަށް އެ ޖަމާއަތުން ހަމަލާނުދޭ ކަމަށް މިދިޔަ ޑިސެމްބަރު މަހު ތެރޭގައި ބުނެފަ އެވެ. – ސްޓްރައިޓް ޓައިމްސް