ތެހެރާން (2 ޖެނުއަރީ) - އިޒްރޭލުން ދަނީ ބަޔަކު ލައްވައި އެމެރިކާ މީހުންނަށް ހަމަލާދީ، އެކަން އިރާންގެ ބޮލުގައި އަޅުވައި، އިރާނަށް ހަމަލާދިނުމަށް ތައްޔާރުވަމުން ކަމަށް އިރާންގެ ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދު ޒާރިފް ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ފޮރިން މިނިސްޓަރު ވިދާޅުވީ އިޒްރޭލުން މަސައްކަތްކުރަނީ އެމެރިކާ ލައްވައި ގޯސްހަދުވަން ކަމަށާއި، އެ ކަމަށް އެމެރިކާއިން ސަމާލުވުމަށް ގޮވާލާފައިވެ އެވެ. އަދި އިރާގުން އެންމެ ފަހުން ލިބުނު އިންޓެލިޖެންސް މައުލޫމަތުން އެނގޭ ގޮތުގައި އިޒްރޭލުގެ އެޖެންޓުން ދަނީ އެމެރިކާ މީހުންނަށް ހަމަލާދީ އެކަން އިރާންގެ ބޮލުގައި އަޅުވަން މަސައްކަތްކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ފޮރިން މިނިސްޓަރު ވަނީ އެމެރިކާގެ ރައީސް ޓްރަމްޕް ޓެގް ކުރައްވައި މިފަދަ މަޅިއެއްގައި ނުޖެހުމަށް ވިދާޅުވެފަ އެވެ. އަދި ހަމަލާ ދީފިނަމަ ނަތީއްޖާ ވަރަށް ގޯސްވާނެ ކަމަށް އޭނާ ވިދާޅުވެފަ އެވެ.
އީރާންގެ ސަލާމަތީ ބާރުތަކުގެ ވެރިޔާ މޭޖާ ޖެނެރަލް ގާސިމް ސުލައިމާނީ ވަނީ ބައްދާދުގެ ވައިގެ ބަނދަރުން ކާރުކޮޅުގައި ވަޑައިގަންނަވަނިކޮށް އެމެރިކާއިން ދިން ހަމަލާއެއްގައި މީގެ އަހަރެއް ކުރިން މަރާލާފަ އެވެ. ސުލައިމާނީގެ މަރަށް އަހަރު ފުރުމާ ދިމާކޮށް ބަދަލުހިފުމުގެ ގޮތުން އިރާނުން ހަމަލާދީފާނެ ކަމަށް ހީކޮށް ބިރުދެއްކުމުގެ ގޮތުން އެމެރިކާއިން ވަނީ ބީ-52 ވައްތަރުގެ ބޮންއަޅާ ބޯޓް މިސަރަހައްދަށް ފޮނުވާފަ އެވެ.
ސުލައިމާނީގެ މަރަށް އަހަރު ފުރުމާއި ދިމާކޮށް އިރާންގެ ސްޕްރީމް ލީޑަރު އަލީ ހާމަނީ ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ވަނީ ސުލަމާނީގެ މަރުގެ ބަދަލު ދުޝްމަނުންގެ ކިބައިން ވަރަށް ހިތިކޮށް ހިފިގެން ދާނެ ކަމަށް ވިދާޅުވެފަ އެވެ. – އަލް އަރަބިއާ