މައްކާ (އެޕްރީލް 20) - ސައުދީ އަރަބިއާގެ މައްކާގެ މާތްވެގެންވާ މަސްޖިދުލް ހަރަމްގައި ރޭ ޚަތިމްކުރި ތަރާވީހް ނަމާދުގައި 2.5 މިލިއަން މީހުން ބައިވެރިވި ކަމަށް އެ ގައުމުގެ ރަސްމީ ނޫސް އެޖެންސީން ބުނެފި އެވެ.
ރަމަޟާން މަހުގެ 29 ވިލޭރޭ ތަރާވީހް ނަމާދު އިމާމްކުރެއްވީ ދެ ހަރަމްފުޅުގެ އިސް އިމާމް އަބްދުއްރަހްމާން އައް ސުދައިސް އެވެ. ރަމްޟާން މަހުގެ ކޮންމެ ރެއެއްގެ ތަރާވީހް ނަމާދުގައި ޚަތިމުން ފޮތެއް ކިޔަވަމުން ގޮސް މުޅި ގުރުއާން އެކީގައި ނިންމާލީ ރޭގެ ތަރާވީހު ނަމާދުގަ އެވެ. ނަމާދުގެ ފަހު ރަކުއަތުގައި ސުދައިސް ވަނީ ޚަތިމް ދުއާއާ އެކު އަސަރު ގަދަ ދުއާއެއް ވިދާޅުވެ ދެއްވައިފަ އެވެ. ދުއާގައި ސުދައިސް ވަނީ ރޯދަމަހުގެ މަތިވެރި ރޭތަކުގެ އަޅުކަންތައް މާތްﷲ ގަބޫލްކުރައްވައި ހުރިހާ މުސްލިމުންގެ ފާފަތައް ފުއްސަވައި ނަރަކައިން ދިންނެވުމަށް އެދި މާތް ﷲ ގެ ހަޟުރަތުގައި ދަންނަވައިފަ އެވެ. އަދި އިސްލާމީ ގައުމުތަކުގައި ހަމަޖެހުމާއި އަމާންކަން ގާއިމްކޮށްދެއްވުމަށް އެދި ވަނީ ދުއާ ކުރައްވައިފަ އެވެ.
ފަލަކީ ހިސާބުތައް ދައްކާ ގޮތުން ރޯދަ މަހުގެ ފަހު ދުވަހަށް ވާނީ މިއަދު އެވެ. އެހެންކަމުން ރޭގެ ތަރާވީހް ނަމާދަކީ މި އަހަރުގެ ރޯދަ މަހުގެ ފަހު ތަރާވީސް ކަމަށް ގިނަ ބަޔަކު ގަބޫލްކުރި އެވެ.
އިއްޔެގެ މެންދުރު ނަމާދުގެ ވަގުތުން ފެށިގެން ތަރާވީހް ނަމާދަށް މައްކާގެ ހަރަމްފުޅަށް މީހުން ވަނީ ޖަމާވާން ފަށައިފަ އެވެ. ތަރާވީހް ނަމާދުގައި މިސްކިތުގެ ހަރިއްމަ ވެސް ފުރި ކައިރީގައިވާ މަގުތައް ވެސް ވަނީ ފުރިފަ އެވެ.
މި އަހަރުގެ ރޯދަ މަހުގެ 27 ވިލޭރޭގެ ތަރާވީހް ނަމާދުގައި ވަނީ ދެ މިލިއަން މީހުން ބައިވެރިވެފަ އެވެ.
މިއީ ކޮވިޑުގެ ފަހުން އެންމެ ގިނަ ބަޔަކު އުމްރާ އަށް ދިޔަ ރޯދަ މަހެވެ.
އެންމެ ގިނަ މީހުން ބައިވެރިވި ހައްޖުގެ އަޅުކަމުގައި ވެސް މިހާތަނަށް ބައިވެރިވެފައި ވަނީ ގާތްގަނޑަކަށް 2.5 މިލިއަން މީހުންނެވެ. އެހެންކަމުން މިއީ ފަހުގެ ތާރީޚެއްގައި މައްކާގެ ހަރަމްފުޅަށް މިހާގިނަ ބަޔަކު އެއްފަހަރާ ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ. މިއީ ކޮވިޑުގެ ފަހުން ރާއްޖޭން ވެސް އެންމެ ގިނަ މީހުން އުމްރާ އަށް ދިޔަ ރޯދަ މަހެވެ.
މަދީނާގެ ހަރަމްފުޅުގައި ވެސް ރޭ ކުރި ތަރާވީހް ނަމާދުގައި އެތައް ލައްކަ ބަޔަކު ބައިވެރިވި އެވެ.