ޖަކާޓާ (3 ޖެނުއަރީ) - ޗައިނާގެ ސިނޮވެކް ބަޔޯޓެކް ކުންފުނިން އުފެއްދި ކޮވިޑް ވެކްސިން އިންޑޮނޭޝިއާގެ އެންމެންނަށް ދިނުމުގެ ބިޔަ ޕްރޮގްރާމްގެ ދަށުން އެގައުމުގެ އެކި ސަރަހައްދުތަކަށް ވެކްސިން ފޯރުކޮށްދޭން އިއްޔެ ފަށައިފި އެވެ.

ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުމަށް ތައްޔާރުވުމުގެ ގޮތުން އިންޑޮނޭޝިއާގެ ވެކްސިން އުފައްދާ ކުންފުނި ބަޔޯ ފާމާއަށް މިދިޔަ ޑިސެމްބަރު މަހު ވަނީ ތިން މިލިއަން ވެކްސިން ޑޯޒް ހަމަކޮށްފަ އެވެ.

ބަޔޯ ފާމާގެ ސްޕޯކްސް ޕާސަން ބަންބަންގް ހެރިޔަންޓޯ ވިދާޅުވިގޮތުގައި އިންޑޮނޭޝިއާއިން ވަނީ މީގެ ކުރިން ވެސް ވެކްސިން ދިނުމުގެ ވަރަށް ކާމިޔާބު ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެހެންކަމުން ވެކްސިން ރައްކާކުރުމާއި، އަދި ޑޯޒްތައް ރައްކާތެރިގޮތުގައި ބެހެއްޓުމަށް ބޭނުންވާ ފެސިލިޓީސް އިންޑޮނޭޝިއާގެ ހުރިހާ ހިސާބެއްގައި ވެސް ގާއިމްކޮށްފައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސިނޮވެކް ވެކްސިން ރައްކާކޮށްފައި ބެހެއްޓުމަށް ބޭނުންވާ ފިނިކުރާ ނިޒާމްތައް ވެސް ހުރިހާ ހިސާބެއްގައި ގާއިމްކޮށްފައިވާ ކަމަށް ވެސް ހެރިޔަންޓޯ ވިދާޅުވި އެވެ.

އިންޑޮނޭޝިއާ އިން ވެކްސިން ދިނުމަށް ފެށުމަށް ހަމަޖެހިފައިވަނީ މި މަހު ފަހުކޮޅު އެވެ. ފުރަތަމަ ފޭސްގައި ވެކްސިން އެންމެ ފުރަތަމަ ދޭން ހަމަޖެހިފައި ވަނީ އެ ގައުމުގެ 1.3 މިލިއަން ސިއްހީ ހިދުމަތްތެރިންނަށެވެ. އަދި ބާކީ 17.4 މިލިއަން ދޭނީ އިސް ސަފުގައި މަސައްކަތްކުރާ މީހުންނަށެވެ. އަދި އޭގެ ފަހުން އެ ގައުމުގެ 60 އަހަރާއި އެއަށްވުރެ އުމުރުން ދުވަސްވީ 21.5 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހާއި އެޕްރީލް މަހު ތެރޭގަ އެވެ. ވެކްސިން ދިނުމުގެ ދެވަނަ ފޭސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުން ފެށިގެން 2022 ވަނަ އަހަރުގެ މާޗް މަހާ ހަމަޔަށެވެ.

އިންޑޮނޭޝިއާގެ ހެލްތް މިނިސްޓްރީގެ ސްޕޯކްސް ޕާސަން ވިދާޅުވިގޮތުގައި ސިނޮވެކް ވެކްސިންގެ ކްލިނިކަލް ޓެސްޓްތައް ކުރިއަށް ގެންދިޔައީ ތުރުކީ އަދި ބްރެޒިލްގަ އެވެ. އަދި އެ ޓެސްޓްތަކުގެ ނަތީއްޖާތަކާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ސްޕޯކްސް ޕާސަން ވިދާޅުވީ ވެކްސިން ދިނުމުގެ ހުރިހާ ކަމެއްވެސް ކަނޑައެޅިފައިވާ ތާރީހަށް ފެށޭނެ ކަމަށެވެ.

އިންޑޮނޭޝިއާއިން ވަނީ މިހާތަނަށް ސިނޮވެކް، އެސްޓްރާޒެނެކާ އަދި ނޯވަވެކްސް ހިމެނޭ ގޮތަށް ފަސް ސަޕްލަޔަރުންގެ އަތުން ގާތްގަނޑަކަށް 330 މިލިއަން ވެކްސިން ޑޯޒް ފޯރުކޮށްދިނުމަށް އެއްބަސްވެފައި ކަމަށް ހެލްތް މިނިސްޓްރީ އޮފިޝަލުން ވިދާޅުވި އެވެ. – ސްޓްރައިޓް ޓައިމްސް