މުވައްޒަފުންގެ ފެންވަރުބަލައި ކުރިއެރުން ލިބޭ ގޮތަށް ސިވިލް ސާވިސްގައި ހިމެނޭ އިދާރީ މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލައި، އެ މުވައްޒަފުންގެ މުސާރަ ދޭނެ މިންވަރު ފާސްކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ޕޭ ކޮމިޝަނަށް ފޮނުވައިފި އެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން އެ ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ އިދާރީ މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލައި އެމުވައްޒަފުންގެ މުސާރައިގެ މިންވަރު ނުވަތަ ޕޭ ސްކޭލާމެދު ގޮތެއް ނިންމުމަށް ޕޭ ކޮމިޝަނަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. އެއާއެކު އަވަސް މުސްތަގުބަލެއްގައި އިދާރީ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެއީ ކިހާ މިންވަރެއް ކަމެއް ނާސިހު ވިދާޅެއް ނުވެ އެވެ.

"2020 ވަނަ އަހަރު މި ދިމާވި ހާލަތާ ގުޅިގެން އެ ހާލަތުން އަރައިގަތުމަށް ދުވަސްކޮޅެއް ނަގާނެ ކަމަށް ލަފާކުރެވެނީ. ނަމަވެސް ކުރިއަށްއޮތް މުސްތަގުބަލުގައި މުސާރައަށް އަވަސް ބަދެލެއް ގެނައުން ސަރުކާރުގެ ވެސް އަމާޒަކީ. އެގޮތަށް ޕޭ ކޮމިޝަން ވެސް މަސައްކަތްކުރާނެ ކަމަށް ބެލެވޭ. އަޅުގަނޑުމެން އެބޭފުޅުންނަށް އެއްބާރުލުން ދޭނަން،" ނާސިހު ވިދާޅުވި އެވެ.

އެ ކޮމިޝަނުގެ އެކްޓިން ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ސައީދު ވިދާޅުވީ މީގެ ކުރިން ސިވިލް ސާވިސްގައި ހިމެނޭ ފަންނީ އެކި ދާއިރާތަކުގެ މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލާފައިވާ ކަމަށެވެ. އަދި އިދާރީ މުވައްޒަފުންގެ އޮނިގަނޑު ވެސް މިހާރު އެކުލަވާލާފައިވަނީ ކެރިއާ ބޭސްޑް ނިޒާމެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.

"މަގާމުގައި ހުރެގެން އެމީހެއްގެ ފެންވަރަށް ބެލިގެން ކުރިއަށްދިއުމުގެ މަގު ފަހިވެފައި އޮންނަ އޮނިގަނޑެއްގެ ގޮތުގައި އޮނިގަނޑު މިއޮންނަނީ. އޭގެ ތެރޭގައި މީހާގެ މަސައްކަތް ރަނގަޅިއްޔާ ވަކި އަހަރުތަކަކުން ކުރިއަށްދިއުމުގެ ފުރުސަތު ވެސް ލިބޭނެ. އަދި ތައުލީމު ހާސިލުކޮށްފިއްޔާ ވެސް ކުރިއަށްދިއުމާއި މަގާމުތަކަށް ބަދަލުވުމުގެ ފުރުސަތު ލިބޭނޭ. އެއީ އިދާރީ މުވައްޒަފުންނަށް ލިބޭ ބޮޑުކުރިއެރުމަކަށްވާނެ،" ސައީދު ވިދާޅުވި އެވެ.

ސިވިލް ސާވަންޓުންގެ ކަންކަން ހަރުދަނާކުރުމަށް އެ ކޮމިޝަނުން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ތަފާތު ތިން ގަވާޢިދެއް އެކުލަވާލާފަ އެވެ. މީގެ ތެރޭގައި ޗުއްޓީއާ ގުޅޭ އުސޫލުތަކާއި، މުވައްޒަފުން އެޕްރައިޒް ކުރުމުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮސްދިނުމާ ގުޅޭ އުސޫލުތައް ވެސް ހިމެނެ އެވެ.