ލޯކަލް ކައުންސިލް އިންތިހާބު ގާނޫނުގައިވާ ގޮތަށް، އަންނަ މާޗް ހަވަނަ ދުވަހު އިންތިހާބު މިހާރު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

"ހުރިހާ"އާ ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު ގާނޫނުގައިވާ ގޮތަށް ބޭއްވޭނީ މިއަދު މުއްދަތު އިތުރުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިގެން ކަމަށެވެ. ނަމަވެސް ފެބްރުއަރީ ތިންވަނަ ދުވަހުގެ ނިޔަލަށް އެ ހާލަތުގެ މުއްދަތު އިތުރުކުރުމުން އިންތިހާބު ނުބޭއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ގޮތެއް ވިޔަސް އިންތިހާބު ނުބޭއްވޭނެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން. އެ ހާލަތު އުވާލައިގެން ނޫނީ އިންތިހާބު ދެން ނުބޭއްވޭނެ،" ޝަރީފް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމީ މިދިޔަ އޭޕްރީލް ހަތަރުވަނަ ދުވަހު ކުރިން ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ވަނީ ފަސްކޮށްފަ އެވެ. އަދި ކައުންސިލް އިންތިޚާބާ ގުޅޭ ވަގުތީ ގާނޫނެއް ފާސްކޮށް ރައީސް ވަނީ ތަސްދީގުކުރައްވައިފަ އެވެ. އެ ގާނޫނުގައިވާ ގޮތުން މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އިންތިޚާބު ބާއްވާ ނިންމަންޖެހެ އެވެ.

ޝަރީފް ވިދާޅުވީ އިންތިހާބު ބާއްވާނެ ދުވަހެއް އިލެކްޝަންސް ކޮމިޝަނަށް ވެސް ގާނޫނާ ޚިލާފަށް ކަނޑައެއް ނޭޅޭނެ ކަމަށެވެ. އަދި ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ ބާރު އޮތީ އެ ކޮމިޝަނުގައި ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.