އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އެ ރަށު ގިނަ ބައެއްގެ އިނގިލީގެ ނިޝާން އަދި ޑީއެންއޭ ސާމްޕަލް ނެގުމުގެ މަސައްކަތް ފަށައިފި އެވެ.

ނައީމާގެ މަރުގެ މައްސަލާގައި ގިނަ ބައެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފަ އެވެ. އަދި މި ތަހުގީގަށް މަނަދޫ ރައްޔިތުން ފުލުހުންނަށް އެއްބާރުލުން ދިނުމަށް އެ ރަށު ކައުންސިލުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ. އިނގިލީގެ ނިޝާނާއި ޑީއެންއޭ ސާމްޕަލް ނަގަނީ ވަކި މީހަކަށް ތުހުމަތުކޮށްގެން ނޫން ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ނައީމާގެ މަރުގެ މައްލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ. އަދި މި މަރާ ބެހޭ ގޮތުން ފުލުހުން މައުލޫމާތު ވެސް ހާމަކޮށްފަ އެއް ނުވެ އެވެ.

ނައީމާގެ ދިރިއުޅުމުގެ ބައެއް ކަންކަމުގެ މައްޗަށް ބަލައި ރަށުގެ ވަކި މީހަކަށް ތުހުމަތު އަޅުވައި ވާހަކަ ފެތުރިޔަސް ފުލުހުން މިހާތަނަށް އެއްވެސް މީހަކަށް ތުހުމަތުކުރެވޭ ކަމެއް ބުނެފައެއް ނުވެ އެވެ.

ރަށުތެރެ ކުނި ކެހުމުގެ މަސައްކަތް ކުރަމުން އައި ނައީމާ ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނީ މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް އޭގެ ދެ ދުވަސް ފަހުންނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުން ނައީމާގެ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން ވަތްއިރު، އޭނާ އޮތީ ޒަހަމްތަކާއެކު ބިންމަތީގައި މަރުވެފަ އެވެ.

އޭނާގެ ހަށިގަނޑުގެ 21 ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވެ އެވެ.