ތަރައްގީގެ ރޮނގުން ރާއްޖެއަށް މިހާރުވެސް ފޯރުކޮށްދެމުންދާ އެހީތެރިކަން އެ ގޮތުގައި ކުރިއަށް ދާނެ ކަމުގެ ފުރިހަމަ ޔަގީން ކަން، ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ވަލީއަހުދު ޝައިހު މުޙައްމަދު ބިން ޒައިދު އަލް ނަހްޔާން ދެއްވައިފި އެވެ.

ޔޫއޭއީގެ ވަލީއަހުދު މި ޔަގީންކަން ދެއްވާފައި ވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނުގެ ވަގުތެއްގައި، ވަލީއަހުދުގެ ގަނޑުވަރުގައި ކުރިއަށް ގެންދެވި ބައްދަލުވުމުގަ އެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސް ސޯލިހާއި ޔޫއޭއީގެ ވަލީއަހުދު ވަނީ މިއަދު ދުނިޔެއަށް ކުރިމަތިލާންޖެހިފައިވާ ކޮވިޑްގެ ބަލިމަޑުކަމުގައި ރާއްޖެއާއި އެކުވެރި އަރަބި އިމާރާތުގެ އަދުގެ ހާލަތާ ބެހޭ މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ. އަދި ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ޔޫއޭއީއާއި އެހެން ގައުމުތައް ގުޅިގެން ކުރަމުން އަންނަ މަސައްކަތްތައް ރައީސް ސޯލިހު ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން، މި ބަލިމަޑުކަމާ ކުރިމަތިލުމަށް ޔޫއޭއީގެ ސަރުކާރުން ގެންގުޅޭ ޓެކްނޮލޮޖީގެ އީޖާދީ އިސްތިރާޖުތަކަށްވެސް ރައީސް ސޯލިހު ވަނީ ތައުރީފު ކުރައްވާފަ އެވެ.

ރައީސް ސޯލިހާއި ޔޫއޭއީގެ ވަލީއަހުދާ ދެމެދު މިއަދު ކުރިއަށްދިޔަ މަޝްވަރާތަކުގައި، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ގޮތުންވެސް ވަނީ ވާހަކަފުޅުދައްކަވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވަލީއަހުދު ނަހްޔާން ވަނީ، ޔޫއޭއީ އިން ރާއްޖެއަށް ދެމުންދާ އެއްބާރުލުން އެގޮތުގައި ދެމި އޮންނާނެކަން ކަށަވަރު ކޮށްދެއްވާފަ އެވެ. ވަކިން ހާއްސަކޮށް، މަސްވެރިކަމާއި، ކާބޯތަކެތީގެ ސަލާމަތްތެރިކަމާއި، ދަތުރުފަތުރުގެ ދާއިރާއާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި ތަރައްގީގެ މަޝްރޫއުތަކަށް ޔޫއޭއީއިން ދެމުންދާ އެއްބާރުލުން އެގޮތުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން، ޔޫއޭއީގެ ވަލީއަހުދު ވަނީ ދެއްވާފަ އެވެ.

1970ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ޔޫއޭއީއަކީ ދިވެހިރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގެ މުހިންމު ބައިވެރިއެއްކަން ދިވެހި ސަރުކާރުން ފާހަގަ ކުރެ އެވެ. މިދިޔަ އަހަރުގެ މާޗް މަހުވެސް ޔޫއޭއީއިން ވަނީ 50 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓް އެއްބަސްވުމަކާ ގުޅުންހުރި އެމްއޯޔޫއެއްގައި ރާއްޖެއާއެކު ސޮއިކޮށްފަ އެވެ.