ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ބައެއް ސްޕެޝަލިސްޓުން، އެ ބަޔަކު ވަޒީފާ އަދާކުރާ ހޮސްޕިޓަލަށް އެކަނި ޚިދުމަތް ދިނުމަށް އެއްބަސްވާ ނަމަ އެ މުވައްޒަފުންނަށް ޚާއްސަ އިނާޔަތެއް ދޭން ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޝަނަލް ޕޭ ކޮމިޝަންގެ ޗެއާމަން މުހައްމަދު ފައިޒަލް ވިދާޅުވީ، 'އެކްސްކްލޫސިވް ސާވިސް ބެނިފިޓް'ގެ ނަމުގައި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް އިނާޔަތްދޭން ނިންމާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ އިނާޔާތްދޭނެ ޑޮކްޓަރުން ކަނޑައަޅާނީ ޕޭ ކޮމިޝަނުން ކަމަށެވެ. އެ އިނާޔަތް ދޭން ނިންމާފައި ވަނީ ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ރޭންކް 10އިން ފެށިގެން މަތީގެ މަގާމުތަކާއި ސަބް-ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ މަގާމުތަކުގައި ތިބި ބޭފުޅުންނަށް އެކަންޏެވެ.

މިފަދައިން ނިންމާފައި ވަނީ ބައެއް ޑޮކްޓަރުން އެކި ހޮސްޕިޓަލްތަކާއި އެކި ކްލިނިކްތަކުގައި މަސައްކަތް ކުރުމުން ޑޮކްޓަރުގެ ފަރާތުން ހިދުމަތް ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ.

ފައިޒަލް ވިދާޅުވީ ސިއްހީ ދާއިރާގެ މުސާރަތަކަށް ގެންނަ ބަދަލާއެކު، 3710 މުވައްޒަފުންގެ މުސާރަ ބޮޑުވާނެއެވެ.

މުސާރަ ބޮޑުވި ގޮތުގެ ތަފްސީލް

  • ރީޖަނަލް ހޮސްޕިޓަލްތަކުގެ 520 މުވައްޒަފުން
  • އަތޮޅު ހޮސްޕިޓަލްތަކުގެ 471 މުވައްޒަފުން
  • ހެލްތު ސެންޓަރުތަކުގެ 965 މުވައްޒަފުން
  • އައިޖީއެމްއެޗްގެ 1،004 މުވައްޒަފުން
  • ހުޅުމާލޭ ހޮސްޕިޓަކްގެ 298
  • އެހެނިހެން 452 މުވައްޒަފުން

މިއަދު ދެއްވި ވީޑިއޯ ހިތާބެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މީގެ ކުރިން ސީނިއާ ރެޖިސްޓާޑް ނަރުހަކަށް އިތުރު ގަޑީގެ އެލަވަންސާއެކު މަހަކު ލިބެނީ، އެވްރެޖްކޮށް 20،459 ރުފިޔާ ކަމަށެވެ. މިހާރު މިގެނެވޭ ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް 29،271 ރުފިޔާ ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ސްޕެޝަލިސްޓް ނަރުހެއްގެ މުސާރަ މިހާރު ވާނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 41،976 ރުފިޔާ އަށް މަތިކޮށްފައި ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ ކުރިން ސީނިއާ މެޑިކަލް އޮފިސަރަކަށް އިތުރު ގަޑީގެ އެލަވަންސާ އެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 28،727 ރުފިޔާ ކަމަށާއި މިހާރު މިގެނެވޭ ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 41،541 ރުފިޔާ ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މެޑިކަލް ޕްރެކްޓިޝަނަރުންނަށް ވެސް، ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ހަރުފަތްތައް ތައާރަފުކޮށް، ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުސާރައަށް މިހާރު ވާނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 98،137 ރުފިޔާ ކަނޑައަޅާފައި ކަމަށް ރައީސް ވިދާޅުވި އެވެ.

މާދަމާއިން ފެށިގެން، ސައިކޮލޮޖިސްޓުންނާއި، ކައުންސިލަރުންނާއި، ސޯޝަލް ވޯކަރުންނާއި، ޝޯސަލް ސާވިސް ވޯކަރުން ހިމެނޭ ގޮތަށް، ސޯޝަލް ސާވިސް ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެގޮތުން ސޯޝަލް ވޯކަރަކަށް މީގެ ކުރިން އިތުރު ގަޑީގެ އެލަވަންސާއެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 12،944 ރުފިޔާ ކަމަށާއި މި ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 21،585 ރުފިޔާ ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.