ނ.މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާގެ ހަށިގަނޑު ފެނުނު ތަނުން އެހެން މީހެއްގެ ޑީއެންއޭ ފެނިއްޖެ އެވެ.

އެ ރަށު ތެރެ ކުނި ކެހުމުގެ މަސައްކަތް ކުރަމުން އައި އުމުރުން 62 އަހަރުގެ ނައީމާ ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި ފެނުނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އެވެ. އޭނާގެ ހަށިގަނޑުގެ 21 ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނައީމާ މަރާލާފައި އޮއްވާ ފެނުނު ސަރަހައްދުން ފުލުހުން ހޯދި ހެކިތަކުން އޭނާގެ ޑީއެންއާ ދިމާ ނުވާ، އެހެން މީހެއްގެ ޑީއެންއޭ ވަނީ ފެނިފަ އެވެ. މިފެނުނު ޑީއެންއޭ ކްރޮސްމެޗު ހެދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

މިދިޔަ ހަފްތާގައި ފުލުހުން ވަނީ ނައިމާގެ މަރުގެ މައްސަލާގައި އެރަށުގެ ގިނަ ބައެއްގެ އިނގިލީގެ ނިޝާން އަދި ޑީއެންއޭ ސާމްޕަލް ވަނީ ނަގާފަ އެވެ.

ނައީމާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވީ އެކަކު ކަމެއް ނުވަތަ އެއަށް ވުރެ ގިނަ މީހުން ކަމެއް އަދި ކަށަވަރެއް ނޫނެވެ

ނައީމާ މަރާލިތާ މިހާރު މަހެއްހާ ދުވަސްވެފައި ވާއިރު، މިމަރާއި ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރުކޮށްފައިނުވެ އެވެ.