ނޫސްވެރިންގެ އެންމެ މަތިވެރި ޒިންމާއަކީ، ކޮންމެ ހާލަތެއްގައި ވެސް އިތުބާރު ހުރި ތެދު މައުލޫމާތު ފެތުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.

ރައީސްގެ ހިތާބުގައި ވިދާޅުވީ ރާއްޖެއަށް ޑިމޮކްރެސީގެ މަގުގައި ލިބުނު ކުރިއެރުންތަކުގެ މައިގަނޑު އެއް އަސްލަކީ މައުލޫމާތު ފެތުރުމުގެ ދާއިރާއިން ދިވެހި ނޫސްވެރިން ކުރި މިންނެތް މަސައްކަތް ކަމަށެވެ.

"ގާނޫނީ އޮނިގަނޑުގެ ތެރެއިން އާންމު ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ މައިގަނޑު ބާރަކަށްވީ ވެސް އެ ހައްގުތަކާ މެދު އާންމު ރައްޔިތުންގެ މެދުގައި ނޫސްވެރިކަމުގެ ޒަރީއާއިން އުފެދިގެން ދިޔަ ހޭލުންތެރިން. ހަމަ އެފަދައިން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން އެ ހައްގުތަކަށް އެދި ރައްޔިތުން އުފުލަން ފެށި އަޑުތައް،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ދިވެހި ނޫސްވެރިކަމުގައި ލިބުނު އިބްރަތްތަކުގެ އަލީގައި ކުރިމަގު އެއަށްވުރެ އުޖާލާ ކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެ ނޫސްވެރިއެއްގެ އަދި ކޮންމެ ނޫސް އިދާރާއެއްގެވެސް ޒިންމާއެއްކަމުގަ އެވެ.

"ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުވެސް ކޮންމެ ފަރުދަކަށް ލިބިދޭކަން ސަރުކާރުގެ ފަރާތުން އަބަދުވެސް ކަށަވަރުކުރާނެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

އެ މިނިވަންކަމުގެ ހައްގު އެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ހުރިހާ ނޫސްވެރިންގެ ވެސް މަސްއޫލިއްޔަތެއް ކަމަށާއި އެ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގާއި ގުޅިފައިވާ ޒިންމާތަކަށް ފުރިހަމައަށް ރައްކާތެރިވުން ކަމުގައި ރައީސް ސޯލިހް ވިދާޅުވި އެވެ.

ދިވެހި ނޫސްވެރިކަން އޭގެ އެންމެ ފުރިހަމަ މިނިވަންކަމުގައި ދެމެހެއްޓުމަށް، ސަރުކާރުގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށާއި އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުވެސް، ކޮންމެ ފަރުދަކަށް ލިބިދޭކަން ސަރުކާރުގެ ފަރާތުން އަބަދުވެސް ކަށަވަރު ކޮށްދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ފާހަގަކުރައްވާފައިވެ އެވެ