ސާރާ އަލީ ޚާނާއި ވިކީ ކޯޝަލް އެކުގައި ފުރަތަމަ ފަހަރަށް ފެނިގެންދާ ފިލުމު އަންނަ މަހު ރިލީޒްކުރުމަށް ނިންމައިފި އެވެ.

ވިކީ އާއި ސާރާ އެކުގައި ފެނިގެންދާ ރޮމޭންޓިކް މި ފިލްމު އަންނަ މަހު 2 ވަނަ ދުވަހު ރިލީޒް ކުރުމަށް ވަނީ ނިންމައިފަ އެވެ. ކުރިން އެ ދުވަހު ރިލީޒް ކުރުމަށް ނިންމާފައި ވަނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާންގެ "ޖަވާން" އެވެ. އެހެން ނަމަވެސް އެ ފިލްމު ރިލީޒް ކުރުން މިހާރު ވަނީ ފަސްކޮށްފަ އެވެ.

ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ޕްރޮޑިއުސް ކޮށްފައިވާ މި ފިލްމު ޑައިރެކްޓް ކޮށްފައި ވަނީ ލަކްޝަން އުޓޭކަރް އެވެ. ލަކްޝަން އެންމެ ފަހުން ގެނެސް ދީފައި ވަނީ 2021 ގެ ރިލީޒް ކުރި "މިމީ" އެވެ.

ސާރާ އާއި ވިކީ ފެނިގެންދާ މި ފިލްމުގެ ނަން އަދި ފައިނަލް ވެފައިނުވާއިރު މި ފިލްމަށް މިހާރު ދީފައިވާ ނަމަކީ "ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ" ގެ ނަން ލަކްޝްމަން 2019 ގައި ގެނެސްދިން "ލުކާ ޗުއްޕީ" އާ ގުޅުވައިގެން "ލުކާ ޗުއްޕީ 2" އަށް ބަދަލުކުރަން އޮތީ ނިންމައިފަ އެވެ.

"ލުކާ ޗުއްޕީ" އަކީ ކާތިކް އާރިއަނާއި ކްރިތީ ސެނަން ކުޅުނު ފިލްމެކެވެ.