2021 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލަ އަށް މިއަދު ދެ އަހަރު ފުރުނުއިރު، އިންސާފު ނުލިބި ލަސްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގޮތް ބޭނުންފުޅުވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ރައީސް ނަޝީދުގެ ކޮއްކޯފުޅު އީވާ ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް އިންސާފު ނުލިބުމާ ގުޅިގެން އީވާ ކުރެއްވި ޓުވީޓު އަމާޒު ކުރެއްވީ ރައީސް ސޯލިހު އަށެވެ.

"އެ ބިރުވެރި ނުރައްކާތެރި ހަމަލާގެ އަޑީގައި ތިބި ބަޔަކު ނުހޯދި، ރައީސް ނަޝީދަށް އިންސާފު ލިބުނަ ނުދީ ހިފަހައްޓާލައިގެން ތިބީ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވާ ގޮތްކަން ވަރަށް ސާފު،" އީވާ ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް 2 އަހަރު ފުރުނު އިރު ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ގުޅުންވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެގޮތުން ރައީސް ނަޝީދު ވަނީ ފިކުރެއްގެ ދިރުމުގެ ނަމުގައި އެމްޑީޕީ ތެރޭގައި ވަކި ފެކްޝަނެއް އުފައްދަވާ ސިޔާސީ މަސައްކަތް ފަށްޓަވާފަ އެވެ.

ރައީސް ނަޝީދަށް އިންސާފު ނުލިބެނީ ސީދާ ރައީސް ސޯލިހުގެ އިހުމާލުން ކަމަށް އެމްޑީޕީގެ ބައެއްޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން ވިދާޅުވެ އެވެ. އަދި އެހަމަލާގެ ފަހަތުގައި ތިބި ބަޔަކު ހޯދަން ނޫޅޭ ކަމަށާއި އެކަން އެހާ ސީރިއަސްކޮށް ނުނަގާ ކަމަށްވެސް މެމްބަރުން ވިދާޅުވެ އެވެ.