މި އަހަރު ދެކުނު އޭޝިޔާ ސަރަހައްދުން އެންމެ ބާރަށް ކުރިއަރަމުން އަންނަނީ ރާއްޖޭގެ އިގްތިސާދު ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން މޯލްޑް ބޭންކުން ނެރޭ "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް، އެމްޑީޔޫ"ގައި ބުނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދިއުމުގެ ސަބަބުން ރިއަލް އެސްޓޭޓް، ޓްރާންސްޕޯޓް އަދި ޓްރޭޑްގެ ސިނާއަތަށް ވެސް އޭގެ ހެޔޮ އަސަރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ ސިނާއަތްތަކަށް ލިބުނު ކުރިއެރުންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް 12.3 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ވެސް ވޯލްޑް ބޭންކުން ބުނެފައިވެ އެވެ.
އެ ބޭންކުން ބުނީ ފަތުރުވެރިކަމުގެ ދާއިރާއަކީ ރާއްޖޭގެ އިގްތިސާދުގެ ތިންބައި ކުޅަ އެއްބައި ހިއްސާކުރާ ސިނާއަތް ކަމަށާއި އަދި ކޮވިޑްގެ ކުރިން އޮތް ހިސާބަށް ގޮސްފައިވާ ކަމަށެވެ. އަދި އޭގެ މައިގަނޑު ސަބަބަކީ އިންޑިއާ، ރަޝިޔާ އަދި ގަލްފްުގެ ގައުމުތަކުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުން ކަމަށް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރު ތަކެތީގެ އަގުބޮޑުވި މިންވަރު ނުވަތަ އިންފްލޭޝަން 2.3 އިންސައްތައިގެ އެވްރެޖެއްގައި އުފުލުނު ކަމަށެވެ. މިއީ ކުރިއާ އަޅާބަލާއިރު ބޮޑު އަދަދެއްކަން ފާހަގަކުރަމުން ވޯލްޑް ބޭންކުން ބުނީ މީގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުން ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.
އަގު އުފުލުނު ދާއިރާތަކުގެ ތެރޭގައި ކާބޯތަކެތި، ސިއްހީ ހިދުމަތް އަދި ރެސްޓޯރަންޓްގެ ހިދުމަތްތައް ހިމެނެ އެވެ.
ސަރުކާުރުން ޓެކްސް ރޭޓަށް ގެންނެވި ބަދަލުތަކާއެކު ދައުލަތުގެ މާލިއްޔަތަށް ކުރިއެރުންތަކެއް ލިބޭނެ ކަމަށް ވެސް ވޯލްޑް ބެންކުން ގަބޫލުކުރެ އެވެ.
ވޯލްޑް ބޭންކުން ރާއްޖޭގެ އިގްތިސާދު މިދިޔަ އަހަރެއްހާ ދުވަހު ކުރިއަށްދިޔަ ގޮތަށް ބެލުމަށްފަހު ބުނެފައި ވަނީ ފަތުރުވެރިކަމުން ހޯދާ ކުރިއެރުންތައް އިތުރުވެ، މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު 7.1 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އެގޮތުން މި އަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ގެނައުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވެވޭނެ ކަމަށް ވެސް ވޯލްޑް ބޭންކުން ބުނެ އެވެ.
އާ ރިސޯޓްތަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަމުންދާ ތަރައްގީއާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް މިހާރު ލިބޭ ކުރިއެރުމަށް ވުރެ ވެސް ބޮޑު ކުރިއެރުމެއް ލިބޭނެކަން ވޯލްޑް ބެންކުން ފާހަގަކޮށްފައިވެ އެވެ.