ރިޔާޒް (5 ޖެނުއަރީ) ސައުދީ އަރަބިއްޔާ އާއި ގަތަރާ ދެމެދު އޮތް ގުޅުން އުވާލިތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ފަހުން އަލުން ގުޅުން ގާއިމްކުރުމަށް ދެ ގައުމުން ނިންމައިފި ކަމަށް އިއުލާންކޮށްފި އެވެ.

ކުވޭތުގެ ފޮރިން މިނިސްޓަރު އަހްމަދު ނަސަރު މުހައްމަދު އަލް ސަބާހް އެގައުމުގެ ސްޓޭޓް ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކުވައިތުގެ އަމީރު ޝެއިހް ނަވާފް އަލް އަހްމަދު އަލް ސަބާހްގެ އިސްނެންގެވުމާ އެއްގޮތަށް ދެ ގައުމު ދެމެދުގެ ބޯޑަރުތައް ހުޅުވާލަން ހޯމަ ދުވަހުން ފެށިގެން ނިންމާފައިވާ ކަމަށެވެ. މި ގޮތުން ސައުދީ އަރަބިއްޔާއާއި ގަތަރު ގުޅޭ އެއްގަމު، ވަޔާއި، ކަނޑުގެ ސަރަހައްދީ ރޮނގުތައް ހުޅުވިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އެއްބަސްވުން ހަމަޖެހިގެން މިދިޔައީ ގަލްފް ކޯޕަރޭޝަން (ޖީސީސީ)ގެ ބައްދަލުވުމެއް މިއަދު ސައުދީގައި ބޭއްވުމަށް ހަމަޖެހިފައިވަނިކޮށެވެ. މި ބައްދަލުވުމުގައި ބަޙްރެއިން، ކުވެއިތު، އޮމާން، ގަތަރު، ސައުދީ އަރަބިއްޔާ އަދި އެކުވެރި އަރަބި އިމާރާތް ބައިވެރިވާނެ އެވެ.

ސައުދީގެ ޕްރިންސް މުހައްމަދު ބިން ސަލްމާންއާ ހަވާލާދީ އެ ގައުމުގެ މީޑީއާއިން ބުނީ މި ސަމިޓްގައި ބޮޑަށް އަލިއަޅުވާލާނީ މިސަރަހައްދުގެ ގައުމުތަކުގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ގާއިމްކުރުމަށެވެ. އަދި މީގެ އިތުރުން ސަރަހައްދީ ފެންވަރުގައި ދިމާވާ ކަންކަން ހައްލުކުރުމަށް މަޝްވަރާކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ގަތަރުގެ އަމީރު ސެއިޙް ތަމިމް ބިން ހަމަދު އަލްޡާނީ ސައުދީ އަށް ވަޑައިގެންނެވުމާއެކު ސައުދީގެ ޕްރިންސް މުހައްމަދު ބިލް ސަލްމާން އަމީރަށް މަރުހަބާ ވިދާޅުވަނީ

ސައުދީ އަރަބިއްޔާއިން 2017 ވަނަ އަހަރު ގަތަރާއި ގުޅުން ކަނޑާލަން ނިންމާފައިވަނީ ގަތަރަކީ ޓެރަރިސްޓުންނަށް ވާގިވެރިވާ ގައުމެއް ކަމަށާއި އަދި މި ސަރަހައްދުގެ ސުލްހަ މަސަލަސްކަން ނަގާލަނީ ގަތަރުން ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް ގަތަރުން މި ހުރިހާ ކަމެއް ދޮގުކުރެ އެވެ. އަދި ސައުދީއާއެކު ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހްރޭން އަދި މިސްރުން ވެސް ވަނީ ގަތަރާ ގުޅުން ކަނޑާލާފަ އެވެ. ސައުދީން އަލުން ގުޅުން ގާއިމްކުރުމަށް ނިންމުމާއެކު ކުރިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ނިމުމެއް އަންނާނެ އެވެ.

ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ބައްދަލުވުމަށް ގަތަރުގެ އަމީރު ސެއިޚް ތަމިމް ބިން ހަމަދު އަލްޡާނީ ސައުދީއަށް ވަޑައިގެންނެވުމާއެކު ސައުދީގެ ޕްރިންސް މުހައްމަދު ބިލް ސަލްމާން ވަނީ ގަތަރުގެ އަމީރަށް މަރުހަބާ ވިދާޅުވެ ވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގަންނަވާފަ އެވެ.

އޮފިސަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ދެގައުމުގެ މެދުގައި އަލުން ގުޅުންތައް ގާއިމްކުރުމުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކުރާނީ ސަމިޓްގެ ހަވާސާގައި ކުރިއަށްދާ ބައްދަލުވުންތަކުގަ އެވެ. ވޭތުވެދިޔަ ތިން އަހަރު ޖީސީސީން ބޭއްވި އެއްވެސް ބައްދަލުވުމެއްގައި ގަތަރުން ބައިވެރިވެފައި ނުވެ އެވެ.

މީޑިއާ ހަބަރުތައް ރިޕޯޓްކުރާ ގޮތުގައި މިސަމިޓްގައި މިހާރު މި ސަރަހައްދުގައި ކުރިއަށްދާ މައްސަލަތަކާއި އަދި ޔަމަނުގެ ހަނގުރާމަ އަދި އެމެރިކާގެ ގުޅުންތަކާއި ބެހޭގޮތުން ގައުމުތަކުން މަޝްވަރާކުރާނެ އެވެ. އަދި މީގެ އިތުރުން މިސްރުގެ ފޮރިން މިނިސްޓަރު ސަމެހް ޝުކުރީ ވެސް މި ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ހަބަރުތައް ބުނެ އެވެ. – ސީއެން އެން އަދި އަރަބް ނިއުސް