ތެހެރާން (5 ޖެނުއަރީ) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެމެރިކާގެ 47 އޮފިޝަލުން ހައްޔަރުކުރުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެދިނުމަށް އެދިފައިވާނެ ކަމަށް އިރާނުން ބުނެފި އެވެ.

އީރާންގެ ޖުޑީޝަރީ ސްޕޯކްސް ޕާސަން ގޮލަމް ހުސައިން އިސްމާއިލީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވަނީ ޓްރަމްޕް އަދި އެމެރިކާގެ 47 އޮފިޝަލުން ހައްޔަރުކުރުމުގެ ރެޑް ނޯޓިސް ނެރެދިނުމަށް އެދުނީ އީރާންގެ ސަލާމަތީ ބާރުތަކުގެ ވެރިޔާ މޭޖާ ޖެނެރަލް ގާސިމް ސުލައިމާނީ ބައްދާދުގެ ވައިގެ ބަނދަރުން ކާރުކޮޅުގައި ވަޑައިގަންނަވަނިކޮށް އެމެރިކާއިން ހަމަލާދީ މަރާލުމުގައި ބައިވެރިވެފައިވާތީ އެވެ.

"އީރާނުން ދަނީ ސުލައިމާނީ މަރާލުމުގެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން. އަދި މިކަމުގައި ބައިވެރިވި މީހުންނާއި މިކަންކުރުމަށް އެންގި މީހުންނަށް ހައްގު އަދަބު ދިނުމަށް އިރާނުން މަސައްކަތްކުރާނެ،" ގޮލަން ހުސައިން އިސްމާއިލީ ވިދާޅުވި އެވެ.

މީގެ ކުރިން ޖޫން މަހު ވެސް އިރާނުން ވަނީ ޓްރަމްޕް އަދި ޕެންޓަގަންގެ އޮފިޝަލުންނާއި އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ އޮފިޝަލުން ހައްޔަރުކޮށްދިނުމަށް އިންޓަޕޯލްގައި އެދިފަ އެވެ. ނަމަވެސް އިންޓަޕޯލް އިން ވަނީ އެފަހަރު އިރާން އެދުނު ގޮތަށް އަމަރު ނެރެދެވެން ނެތް ކަމަށް އަންގާފަ އެވެ.

ސުލައިމާނީގެ މަރާލިތާ އެއް އަހަރުވުން ފާހަގަކުރުމަށް އީރާންގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން އިރާންގެ ޖުޑީޝަރީ ޗީފް އިބްރާހިމް ރައިސީ ވިދާޅުވި ގޮތުގައި ސުލައިމާނީ މަރާލުމުގައި ޓްރަމްޕްގެ ދައުރު ބޮޑެވެ. އެހެންކަމުން އެމެރިކާގެ ރައީސަކަށް ވުމަކުން ނުވަތަ އޭނާގެ ސިޔާސީ ނުފޫޒުގެ ސަބަބުން ގާނޫނަށް ވުރެ މަތީގައި ނުހުރެވޭނެ ކަމަށާއި އެކަމަށް ޖަވާބުދާރީ ނުކުރެވެވުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ސުލައިމާނީގެ މަރަށް އަހަރު ފުރުމާ ދިމާކޮށް ބަދަލުހިފުމުގެ ގޮތުން އީރާނުން ހަމަލާދީފާނެ ކަމަށް ހީކޮށް ބިރުދެއްކުމުގެ ގޮތުން އެމެރިކާއިން ވަނީ ބީ-52 ވައްތަރުގެ ބޮންއަޅާ ބޯޓް މެދުއިރުމަތީގެ ސަރަހައްދުތަކަށް ފޮނުވާފަ އެވެ.

އީރާންގެ ސްޕްރީމް ލީޑަރު އަލީ ހާމަނީ ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ވަނީ ސުލަމާނީގެ މަރުގެ ބަދަލު ދުޝްމަނުންގެ ކިބައިން ވަރަށް ހިތިކޮށް ހިފިގެން ދާނެ ކަމަށް ވިދާޅުވެފަ އެވެ. --އަރަބް ނިއުސް.