ހުޅުމާލެ ފޭސް ދޭއްގައި ކްރޫޒް ލައިން ޓާމިނަލް އަޅަން އޮތް ސަރަހައްދު ހިއްކަނީ ގޯތި އަޅަން ބިން ނެތިގެން ނޫން ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ސަރުކާރުން އިއުލާން ކުރި ބިން ވެރިޔާ އަދި ގެދޮރު ވެރިޔާ މަޝްރޫއަށް ބިން ހުޅުމާލޭގައި އެބައޮތް ކަމަށެވެ. އަދި ބިން ހިއްކަނީ މާލެ ސަރަހައްދު ތޮއްޖެހުން ކުޑަކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ހުޅުމާލެ ބިން ހިއްކުމުގެ މަޝްރޫއު މިހާރު އޮތީ މަޗްވަރާގެ މަރުހަލާގައި ކަމަށެވެ.

ހުޅުމާލެ ފޭސް ދޭއްގައި ކްރޫޒް ލައިން ޓާމިނަލް އަޅަން އޮތް ސަރަހައްދު ހިއްކަން އާބަންކޯ އިން ވަނީ ނިންމާފަ އެވެ.

ހުޅުމާލެ މާސްޓަ ޕްލޭންގައި އޮތީ ފޭސް ދޭއް ގުޅުވައިދޭ ބްރިޖްތައް ހިމެނޭ ވޯޓާ ކެނަލްތަކުގެ ހުޅަނގު އުތުރުކޮޅުގައި ކުރޫޒް ލައިން ޓާމިނަލެއް އަޅާށެވެ. އެހެން ނަމަވެސް އެސަރަހައްދު ފަރުކޮޅުފުއްޓާ ހަމައަށް ހިއްކައި އެތަނުން ފްލެޓު ދިނުމަށް ނިންމާފައިވާ ކަމަށްވެ އެވެ.

ހުޅުމާލެ ފަޅު ހިއްކުމުގެ މަސައްކަތް ހަވާލުކުރަން ނިންމާފައި ވަނީ ބްރިޖު އެޅި ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އާ އެވެ.

އެ ސަރަހައްދު ހިއްކަނީ މާލޭގެ ރައްޔިތުންނަށް ގޯތިދޭން ސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށް އެތަނުން ގޯތި ދިނުމަށެވެ.