އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ކަރުނާޓަކާގެ އިންތިޚާބުގައި ވެރިކަންކުރާ ބީޖޭޕީގެ މައްޗަށް ކޮންގްރެސް ކާމިޔާބު ހޯދައިފި އެވެ.
ކަރުނާޓަކާގެ އިލެކްޝަން ކާމިޔާބުކުރުމަށް ހިންދީ ނެޝަނަލިސްޓު ބީޖޭޕީން އާދަޔާ ޚިލާފަށް ކެމްޕޭންކުރި ކަމަށް ވިޔަސް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަބުރާ ބެހުމުގެ ދައުވާގައި ގޮނޑި ގެއްލުވާފައިވާ ރާހޫލް ގާންދީގެ ކޮންގްރެސްއިން ވަނީ އެ ސްޓޭޓުގައި ބީޖޭޕީގެ ބާރު ކަނޑުވައިލައިފަ އެވެ.
ކަރުނާޓަކާގައި 2018 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރަމުން އަންނަނީ ބީޖޭޕީންނެވެ. އެ ސްޓޭޓަކީ އިންޑިއާގެ ދެކުނު ސަރަހައްދުގައި ބީޖޭޕީގެ ބާރު ހިނގާ ހަމައެކަނި ސްޓޭޓަށްވުމުން އެ ސްޓޭޓުގެ ވެރިކަން ދެމެހެއްޓުމަށް އެ ޕާޓީން ވަރަށް ބޮޑަށް ބޭނުންވެ އެވެ.
ކަރުނާޓަކާގެ މެޖޯރިޓީ ބޭނުންކޮށްގެން ކައިރީގައި ހުރި އެހެން ސްޓޭޓްތައް ކަމަށްވާ ޓެލެންގަނާ އާއި ޓެމިލްނާޑޫގެ ކޮންޓްރޯލް ހޯދުމަކީ ބީޖޭޕީގެ އަމާޒެކެވެ. އެހެންކަމުން ކަރުނާޓަކާގެ މި ނާކާމިޔާބީއަކީ ތިންވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވަމުންދާ ނަރެންދުރަ މޯދީއަށް ކުރިމަތިވި ބޮޑު ނުތަނަވަސް ކަމެކެވެ.
ކަރުނާޓާކާގެ އިންތިޚާބުގެ އެންމެ ކުރީ ސަފަށް ބީޖޭޕީން ވަނީ މޯދީ ނެރެ ގިނަގުނަ ހަރަކާތްތަކެއް ހިންގާފަ އެވެ. ނަމަވެސް ޕާޓީއަށް ކުރެވެމުންދާ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ހިޔަނިން ސަލާމަތްވުމަކަށް މޯދީގެ މަގުބޫލުކަމަކުން ނުފުދުނެވެ.
2014 ވަނަ އަހަރު މޯދީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ސްޓޭޓް އިލެކްޝަންތަކުގައި މާ ބޮޑު ކާމިޔާބެއް ނުލިބޭ ކޮންގްރެސްއަށް މި މި ލިބުނު ކާމިޔާބަކީ އަންނަ އަހަރު އޮންނަ އާންމު އިންތިޚާބު ކާމިޔާބުކުރުމަށް އެޕާޓީން ކުރަމުން އަންނަ މަސައްކަތަށް ލިބުނު އިތުރު ހިތްވަރަކަށް ވާނެ އެވެ.
އާންމު އިންތިޚާބުގައި ބީޖޭޕީ ބަލިކުރުމަށް ކޯލިޝަނެއް ހަދަން ޖެހޭ ކަމަށް ބުނެ އެކަމަށް މަސައްކަތް ކުރަމުން އަންނަ ކޮންގްރެސް އަށް ކަރުނާޓަކާގެ ކާމިޔާބުގެ ސަބަބުން ކޯލިޝަން ޑީލްތަކެއް ހެދުމަށް މަގު ފަހިވާނެ ކަމަށް ފެނެ އެވެ.