ޖިއްދާ (6 ޖެނުއަރީ ) - އުމްރާވުމަށް މިއަހަރު ސައުދީ އަރަބިއްޔާއަށް ދާ މީހުން ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮވިޑް ވެކްސިން ޖަހައިގެން ދިޔުމަށް އިލްތިމާސްކޮށްފި އެވެ.

ސައުދީ އަރަބިއްޔާގެ މިނިސްޓަ އޮފް ހައްޖު އެންޑް އުމްރާ މުހައްމަދު ސާލިހް ބެންޓެން ކޮވިޑް ވެކްސިން ޖިއްދާގައި ޖެއްސެވުމަށް ފަހު މީޑިއާ އާ ވާހަކަދައްކަވަމުން ވިދާޅުވީ ހައްޖު އަދި އުމްރާވުމަށް ސައުދީއަށް އަންނަ ހުރިހާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުމަށާއި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންގެންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެންމެހާ ފިޔަވަޅުތައް އެޅިގެންދާނެ އެވެ. މި ގޮތުން އިޖްތިމާއީ ގައިދުރުކަމާއި، ސެނިޓައިޒާ ބޭނުންކުރުމާއި، މާސްކް އެޅުން ފަދަ އުސޫލުތައް ހެދިފައި ހުންނާނެ ކަމަށާއި އަދި އުމްރާވުމަށް އާދެވޭނެ މީހުންގެ އުމުރު ކަނޑައެޅިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޔެގެ ނިޔަލަށް ސައުދީ އަރަބިއްޔާއިން ވަނީ ކޮވިޑް 104 ކޭސް ރިޕޯޓްކޮށްފަ އެވެ. އަދި ނުވަ މީހުން މަރުވެފައިވެ އެވެ. ސައުދީ އަރަބިއްޔާއިން ޖުމްލަ 363،000 ކޮވިޑް ކޭސް ރިޕޯޓްކޮށްފައިވެ އެވެ. އަދި 6265 މީހުން ވަނީ މި ރޯގާގައި މަރުވެފަ އެވެ – ސައުދީ ގެޒެޓް